ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެދި ހުށަހެޅޭނެ ޕްރޮޖެކްޓެއް ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ތައާރަފްކޮށްފިއެވެ.

މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުނި މެނޭޖްކުރުމަށް ހިންގާ މަޝްރޫއޫތަކަށް އެހީތެރިވުމުގެ ގޮތުން ތައާރަފްކުރި ޕްރޮޖެކްޓެކެވެ.

ކުނި މެނޭޖްކުރުމުގައި މުޖުތަމައުތަކަށް ދެމެހެއްޓެނިވި މާހައުލެއް ހޯދައިދިނުމަށް ހިންގާ މި ޕްރޮޖެކްޓްގެ ދަށުން ކުނި މެނޭޖްކުރާ ފެސިލިޓީތަކަށް ބޭނުންވާ އަލާތްތައް ހޯދުމަށް މާލީ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރެޖްކްޓްގެ ދަށުން މާލީ އެހީތެރިކަމަށް އެދި ހުށަހެޅޭނީ ހަމައެކަނި މަދަނީ ޖަމިއްޔާތަކަށެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗަރޖް އޮފް ދަ ބޭންކް އައިޝަތު ނޫރައްދީން ވިދާޅުވީ، ތިމާވެށި ރައްކާތެރިކުރުމަށް ބީއެމްއެލް އިން ކުރަމުންދާ މަސައްކަތް މި ޕްރޮޖެކްޓުން ދައްކުވާދޭ ކަމަށެވެ.

"ތިމާވެށްޓަކީ ޒިންމާދާރު ވިޔަފާރިއެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން މުޖުތަމައަށް އެހީ ފޯރުކޮށްދޭ މައިގަނޑު އެއް ދާއިރާވެސްމެ. އަޅުގަނޑުމެން ވަރަށް ޝައުގުވެރިވޭ މި ޕްރޮޖެކްޓް މެދުވެރިކޮށް މަދަނީ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތްކުރަން. މިއީ ހަމައެކަނި ކުނި މެނޭޖްކުރުމުގެ ހައްލުތައް ހޯދައިދިނުމުގެ އިތުރުން މިހާރު ހުރި ނިޒާމުތައް އިތުރަށް ތަރައްގީކޮށް ރާއްޖެއަށް ސާފު އަދި ފެހި މުސްތަގުބަލެއް ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތެއްވެސްމެ." ނޫރައްދީން ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްގީ ހޯދައިދިނުމާއި ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް މިފަދަ މަޝްރޫއުތައް މެދުވެރިކޮށް ބޭންކް އޮފް މޯލްޑިވްސްއިން އަންނަނީ މުޖުތަމައަށް އެހީތެރިވަމުންނެވެ.

ޖަމިއްޔާތަކުން އީމެއިލް މެދުވެރިކޮށް އަށް 21 އޮކްޓޫބަރު 2024 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ހުށަހަޅަންވާނެއެވެ. މި ޕްރޮޖެކްޓާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓުން ލިބޭނެ ކަމަށް ބިއެމްއެލް އިން ބުނެއެވެ.