މާފުށީ ޖަލުގައި ބަންދުގައި ހުއްޓާ ދަންޖެހުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު އާއިލާއާ ހަށިގަނޑު ހަވާލު ކޮށްފިއެވެ.

ގ. އެއްތެޔޮމާގެ އުމުރުން 62 އަހަރުގެ އަބްދުލްޣަނީ އިސްމާއީލް މާފުށީ ޖަލުގައި އޭނާގެ ހުރި ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުނީ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 5:27 ހާއިރުއެވެ.

އޭނާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވީ މިދިޔަ މަހުގެ 27 ވަނަ ދުވަހެވެ. އަބްދުލްޣަނީ އަކީ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ހުކުމް ކޮށްފައިވާ މީހެކެވެ.

އޭނާ މަރުވުމާ ގުޅިގެން ކަރެކްޝަންސްގެ އިންސްޕެކްޓަރުގެ ޕްރޮފެޝަނަލް ސްޓޭންޑަޑުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ދާދިިފަހުންވެސް ވަނީ ޖަލުގައި ބަންދުކޮށްފައިހުރި ގައިދީއަކު ދަންޖެހި މަރުވެފައެވެ. މާލޭގައި އަންހެނަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރުކޮށް، ބަންދުގައި ހުއްޓާ އަމިއްލައަށް މަރުވީ އާދަމް އަތުހަރުއެވެ. އޭނާ ދަންޖެހިފައި ވަނީ ލައިގެން ހުރި ސޯޓުގެ ވާކޮޅެއް އޭނާ ބަންދުކޮށްފައި ހުރި ގޮޅީގެ ކުޑަދޮރުގައި އައްސައިގެންނެވެ.