މާލެ ސަރަހައްދުގައި ހަތިޔާރާއެކު ސިފައިންގެ ތަމްރީނުތަކެއް ފަށަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.

އެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ މި އަސްކަރީ ތަމްރީނުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެހެންކަމުން މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވުމަށް ހަމަޖެހިފައިވީ ނަމަވެސް، ލައިވް ވަޒަނާއި ގޮވާޒާތުގެ ނުރައްކާތެރި އެއްވެސް ބާވަތެއް ބޭނުން ނުކުރާނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސަރަހައްދު ތަކަކީ:

  • ހުޅުމާލެ ފޭސް 3
  • ފަރުކޮޅުފުށި
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
  • ހުޅުމާލެ މެއިން ބަސް ސްޓޭޝަން (ފެރީ ޓާމިނަލް ކުރިމަތި)

ދޭތެރެ ދޭތެރެއިން ހަތިޔާރާ އެކު ސިފައިން މާލެ އާއި މީހުން އުޅޭ ބައެއް ރަށްރަށުގައި ވެސް ތަމްރީންތައް ކުރިއަށް ގެންދެއެވެ. އެގޮތުން މާލޭގެ އިތުރުން ތ އަތޮޅާއި އައްޑޫ ސިޓީގެ ބައެއް ރަށްރަށުގައި މިދިޔަ އަހަރު ވެސް ވަނީ ސިފައިން ހަތިޔާރާ އެކީ ތަމްރީން ތަކެއް ކުރިއަށް ގެންގޮސްފައެވެ.