ގާޒާގައި އިޒްރޭލުން ހިންގާ ގާނޫނާ ހިލާފް އަމަލުތަކަށް ޖަވާބުދާރީ ވާން ޖެހޭ ކަމަށާއި މިނިވަން ދައުލަތެއް ގާއިމްކުރުމަށް ފަލަސްތީނުން ކުރާ މަސައްކަތަށް ރާއްޖެއިން އެއްބާރުލުން ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި މި ވަނީ، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖީ) ގައި ކުރިއަށްދާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް އިން ދަ ގާޒާ ސްޓްރިޕް (ސައުތު އެފްރިކާ ވާސަސް އިޒްރޭލް) ގެ މައްސަލައަށް ރާއްޖެއިން ތަދައްހުލްވުމަށް މިއަދު ހުށަހެޅުމާ އެކުގައެވެ.

ރައީސް ވިދާޅުވީ، އިޒްރޭލުން ހިންގާ ގާނޫނާ ހިލާފު އަމަލުތަކަށް ޖަވާބުދާރީ ވާން ޖެހޭ ކަމަށާއި ގާނޫނީ ވެރިކަން ދަމަހައްޓައި، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ ޖަރީމާތައް ހުއްޓާލަން ޖެހޭ ކަމަށެވެ. އިންސާނިއްޔަތާއި ސުލްހަ އާއި އަދުލުއިންސާފުން ދިވެހިރާއްޖެ އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެކަން ކުރުމުގައި ފަލަސްތީނުގެ ރައްޔިތުންނާ އެކު ދެމިއޮންނާނެ ކަމަށާއި ފަލަސްތީނަކީ 1967 ވަނަ އަހަރުގެ ކުރިން އިރުމަތީ ގުދުސް އާއި އެ ގައުމުގެ ވެރިރަށުގެ ގޮތުގައި އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ގާއިމުކުރަން ޖެހޭ ގައުމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން މިއަދު ހުށަހެޅި އިންޓަވެންޝަން ބިނާކޮށްފައި ވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށޫން "އިންސައިޓްމަންޓް ޓު ކޮމޓް ޖެނޮސައިޑް" އަދި "ޑިއުޓީ ޓު ޕަނިޝް ދަ އިންސައިޓްމަންޓް އޮފް ޖެނޮސައިޑް" މާނަކޮށްފައިވާ ގޮތާ ގުޅޭ ގޮތުންނެވެ.