އދ ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކުން ފުރާވަޑައިގެންފިއެވެ.
އދ ގެ 79 ވަނަ އާންމު ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ ގިނަ އަދަދެއްގެ ގައުމުތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވައި އެކިއެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރެއްވުމަށް މަޝްވަރާ ކުރައްވާފައެވެ. ރައީސް ވަނީ އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރޭޒްއާވެސް ބައްދަލު ކުރައްވާފައެވެ. އަދި ނިއުޔޯކްގައި ދިރިއުޅެމުންދާ ދިވެހިންނާވެސް އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފައެވެ.
އދ ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް މި މަހުގެ 24 ވަނަ ދުވަހު ތަގުރީރުކުރައްވާފައިވާއިރު، އެމަނިކުފާނުގެ މިދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗާގައި ބައިވެރިވެވަޑައިގަންނަވައި، މުހިއްމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރުން ހަވާސާގައި ކުރިއަށްދާ ހަރަކާތްތަކުގައި ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ރައީސް ވަނީ މުހިންމު އެތައް މައުޟޫއަކަށް މި ދަތުރުފުޅުގައި ތަގުރީރު ކުރައްވާފައެވެ. އެގޮތުން މޫސުމީ ނޭދެވޭ ބަދަލުތަކާއި، އިއާދަކުރަނިވި ހަކަތައާއި، އިޖުތިމާޢީ އަދި އިގްތިސާދީ ގޮންޖެހުންތަކާއި ޑިޖިޓަލައިޒް ކުރުން ފަދަ މައުޟޫތައް ހިމެނެއެވެ.
އދ ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސް މުއިއްޒު އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގަތީ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. މިއީ ރައީސް އދ ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެ އދގެ މެންބަރު ގައުމަކަށް ވީތާ 59 އަހަރު ފުރޭ މުނާސަބަތާވެސް މެއެވެ.