ރައީސް ޑރ.މުހައްމަދު މުއިއްޒު އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދިން މީހެއްގެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފޭސްބުކް ސޯޝަލް މީޑިއާ ޕޭޖަކުން ރޭ ގެނެސްދިން ލައިވްއަށް ކުރި ކޮމެންޓެއްގައި 'އަބްލޯ މައިދު ޔޫސެފް'ގެ ނަމުގައި ހަދާފަ އޮތް އެކައުންޓަކުން ވަނީ ރައީސް އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. އެވަގުތު އެ ޕޭޖުން ލައިވް ކުރަމުން ދިޔައީ ރޭ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި ބައްދަލުވުމުގައި ރައީސް ދެއްވަމުން ގެންދެވި ތަގުރީރެވެ.
އެއާއެކު ރޭ އެކްސްގައި ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓެންޓް ކޮމިޝަނާ އަހްމަދު ޝިފާން ވިދާޅުވީ، ރައީސް މުއިއްޒަށް ސީރިއަސް އިންޒާރުތަކެއް ދިން މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
ރައީސް އަށް މަރުގެ އިންޒާރުދިނީ އަސްލު އައިޑީއަކުން ކަމެއް ނުވަތަ މީހެއްގެ ނަމާއި ފޮޓޯ ބޭނުންކޮށްގެން ހިންގާ ފޭކު އައިޑީއަކުން ކަމެއް ޔަގީނެއް ނުވެއެވެ.
އަދި އެ ކޮމެންޓުގެ މައްސަލަ ފުލުހުން ބަލަމުންދާކަން އިއުލާން ކުރި ފަހުން އޭނާގެ ފޭސްބުކް އެކައުންޓުގައި ވަނީ އެހެން ޕޯސްޓުތަކެއް ވެސް ކޮށްފައެވެ. މަލާމާތު ރާގަށް ކުރި އެ ޕޯސްޓުގައި އޭނާ ހައްޔަރު ކުރުމަށް ފުލުހުންގެ ކިބައިން އެދިފައި ވެއެވެ. އެއާއެކު އޭނާ މީގެ ކުރިން ފޭސްބުކްގައި އެފަދައިން ކޮށްފައި ހުރި ކޮމެންޓުތަކެއްވެސް ވަނީ ދައުރުވާން ފަށާފައެވެ.
މީގެ ކުރިން ވެރިކަން ކުރެއްވި ރައީސުންނަށް ވެސް މަރުގެ ހަމަލާތައް އަމާޒުވެފައި ވާއިރު މިފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލައިގެ ގޮތުގައި ފުލުހުން ބަލަމުންދާ މައްސަލަ ތަކެވެ. އެގޮތުން 2002 ވަނަ އަހަރު އޭރުގެ ރައީސް މައުމޫނަށް ވަޅީގެ ހަމަލާއެއް އަމާޒުވެފައި ވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ވެސް ވަނީ ލޯންޗު ގޮއްވާލާ އެފަދަ ހަމަލާއެއް އަމާޒު ކޮށްފައެވެ. އަދި ދާދިފަހުން 2021 ވަނަ އަހަރު އޭރުގެ މަޖިލިސް ރައީސްކަން ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ވަނީ ބޮމުގެ ހަމަލާއެއް އަމާޒުކޮށްފައެވެ.