ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މައްސަލައަށް ގައުމުތަކުން ގުޅިގެން ހައްލު ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ރައީސް މިފަދައިން ގޮވާލައްވާފައިވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭ ގޮތުން އދ ގެ އާންމު މަޖިލީހުގެ ހަވާސާގައި ކުރިއަށްދާ މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލަށާއި، ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މައްސަލައަށް ގައުމުތަކުން ގުޅިގެން ހައްލު ހޯދުމަށް މަސައްކަތް ކުރުމަކީ މިއަދު ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ ލޮނުގަނޑު އުފުލުމުގެ ސަބަބުން ގައުމުތަކުގެ އިގްތިސާދީ ހާލަތު ނާޒުކު ވެގެން ދާކަމަށާއި، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ބިން ތިރި ގައުމުތަކަށް އެކަމުގެ ގެއްލުން އިންތިހާއަށް ބޮޑު ކަމަށެވެ.
ރައީސް ވިދާޅުވީ މިކަން ހައްލުކުރުމަށް ވިލުންތެރިވާން ޖެހޭ ކަމަށާއި އެކަން ހާސިލުކުރުމަށް ފަންނިއްޔާތު ހިއްސާ ކުރަން ޖެހޭ ކަމަށެވެ. އަދި ކުދި ޖަޒީރާ ގައުމުތަކަށް އެކުލަވާލާފައިވާ ގްރީން ފަންޑުވެސް ދެގުނަ އަށް ބޮޑު ކޮށްދެއްވުމަށް ރައީސް ވަނީ އދ އަށް ގޮވާލައްވާފައެވެ.
ރައީސް އިތުރަށް ވިދާޅުވީ މި މައްސަލައަކީ ކުދި ގައުމުތަކަށް ދިމާވެފައިވާ މައްސަލައެއް ނޫންކަމަށާއި ބޮޑެތި ގައުމުތަކަށްވެސް މި ކަމުގެ ސަބަބުން ގެއްލުން ކުރިމަތިވާނެ ކަމަށެވެ. ރައީސް ގޮވާލެއްވީ ކުރިއަރާފައިވާ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މިކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރުމަށެވެ.
"ސަމިޓް އޮފް ދަ ފިއުޗާ" ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައިވެސް ރައީސް މުއިއްޒު ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތް ވަރުގަދަކުރުމަށް ގޮވާލައްވާފައެވެ. އެގޮތުން ރައީސް ވަނީ މޫސުމީ ކާރިސާތަކުގެ ސަބަބުން ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތައް (ސިޑްސް)އަށް ވެސް ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި 153 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާކަން ފާހަގަކުރައްވާފައެވެ.