އިޒްރޭލުން ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދެމުން ގެންދާ މި ދަނޑިވަޅުގައި ހިޒްބުއްލޯ އިން ފޮނުވާލި ބެލެސްޓިކް މިސައިލެއް ފުރަތަމަ ފަހަރަށް ތެލްއަވީވަށް ފޯރައިފިއެވެ.

މި ހަމަލާގެ ވާހަކަ ދެފަރާތުންވެސް ހާމަކޮށްފައި ވާ އިރު ލުބުނާނުގެ ހިޒްބުއްލޯގެ ތަރުޖަމާން ވިދާޅުވީ، ލުބުނާނަށް އިޒްރޭލުން ދެމުން ގެންދާ އުދުވާނީ ހަމަލާތަކުގެ ބަދަލު ހިފަން ތެލްއަވީވަށް ބެލެސްޓިކް މިސައިލެއް ފޮނުވާލި ކަމަށެވެ. އަދި އެ މިސައިލް އަމާޒު ކުރީ ތެލްއަވީވް ކައިރީގައި ހުންނަ އިޒްރޭލުގެ ޖާޖޫސީ އިދާރާ، މޮސާޑުގެ މަރުކަޒުތަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ހަމަލާ އާ ގުޅޭ ގޮތުން އިޒްރޭލުން ބުނީ، މިއީ ހިޒްބުއްލޯގެ އެފަދަ ހަމަލާއެއް ތެލްއަވީވާ ހަމައަށް ފޯރު ފުރަތަމަ ފަހަރު ކަމަށާއި، އިޒްރޭލުގެ ނިޒާމުތައް ބޭނުން ކޮށްގެން ވައިގެ ތެރޭގައި މިސައިލް ގޮއްވާލައި ނައްތާލާފައި ވާ ކަމަށެވެ. އަދި އެ ހަމަލާގައި އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް އިޒްރޭލުން ބުނެފައި ވެއެވެ.

އިތުރަށް އިޒްރޭލުން ބުނީ، ލުބުނާނުން އެ ހަމަލާ ދިނީ، ނަފަކިއްޔާގައި ހުރި މިސައިލް ލޯންޗަރެއް ބޭނުން ކޮށްގެން ކަމަށާއި، އިޒްރޭލުން ހަމަލާ ދީ މިހާރު އެ ލޯންޗަރާއި އިތުރު ލޯންޗަރުތައް ނައްތާލާފައި ވާ ކަމަށެވެ.

އިޒްރޭލުން ހިޒްބުއްލޯގެ މަގާމުތައް ކަމަށް ބުނެ ލުބުނާނުގައި ހިޒްބުއްލޯގެ ބާރު ގަދަ ސަރަހައްދުތަކަށް ބޮން އަޅަމުން ދާ އިރު ހަމަލާތަކުން ސަލާމަތް ވާން ދެކުނު ބިތުން އެތައްހާސް ބަޔަކު އުތުރަށް ދަތުރު ކުރަމުން އެބަދެއެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ޖުމްލަ 560 މީހަކު މަރުވެފައި ވާއިރު އޭގެ ތެރޭގައި 50 ކުޑަކުދިން ހިމެނެއެވެ.