ރާއްޖެއަށް އެންމެ ގިނައިން ބޭރުފައިސާ ގަންނަ ފަތުތުވެރިކަމުގެ ދާއިރާއިން މިދިޔަ އަހަރު ގަނެފައި ވާ އަދަދު އޭގެ ކުރީ އަހަރުތަކާ އަޅާ ބަލާއިރު ބޮޑުތަނުން މަދުކަމަށް ދައްކައިފިއެވެ.

އެމްއެމްއޭގެ ހިސާބުތަކުން އެނގޭ ގޮތުގައި 2019 ވަނަ އަހަރު ބޭންކްތަކަށް މާރު ކުރި ނުވަތަ ބޭންކުތަކުން 152.5 މިލިއަން އެމެރިކާ ޑޮލަރު ގަނެފައި ވެއެވެ. ނަމަވެސް މިއަދަދު 2023 ވަނަ އަހަރު ވަނީ 68 މިލިއަން ޑޮލަރަށް ވެއްޓިފައެވެ.

ބޭންކްތަކަށް ގަންނަ ޑޮލަރުގެ އަދަދު މިހާ ބޮޑުތަނުން މަދުވީ ފަތުރުވެރިކަމުގެ ދާއިރާއިން ބޭންކްތަކަށް ޑޮލަރު ނުވިއްކާތީ ކަމަށް ބޭންކިން ނިޒާމުގެ އޮފިޝަލަކު ނަންނުޖެހުމަށް އެދި ބުނެފައި ވެއެވެ.

އެމްއެމްއޭގެ ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ރިސޯޓްތަކުން 2023 ވަނަ އަހަރު 4.5 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ހޯދާފައި ވެއެވެ. އެއީ އެނދު ވިއްކައިގެންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ އެކިއެކި ހިދުމަތްތައް ވިއްކައިގެންނެވެ. މީގެ ތެރެއިން ބޭންކްތަކަށް ޖަމާ ކޮށްފައި ވަނީ 2.3 ބިލިއަން ޑޮލަރެވެ. އެއީ ލިބުނު އާމްދަނީގެ 52 ޕަސެންޓެވެ.

ބާކީ ޑޮލަރަށް ހަދާ ގޮތެއް ސާފު ނުވާއިރު، ބޭންކްތަކަށް ނުވަދެ ބޮޑު އަދަދެއް ބޭރުގައި ވާކަން ހިސާބުތަކުން ދައްކައެވެ.

ޑޮލަރުގެ އާމްދަނީ ބޭންކުތަކަށް ލިބޭ މިންވަރު ދަށްވަމުން ދިޔުމުގެ ސަބަބުތަކުގެ ތެރޭގައި ބޭންކުތަކަށް ޑޮލަރު ނުލިބޭ މައްސަލަ ހިމެނޭ އިރު އެކަން ފޫބެއްދުމަށް މަނިޓަރީ ބޭންކް (އެމްއެމްއޭ) އިން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި މިދިޔަ އަހަރު އެކަނިވެސް 480.1 މިލިއަން ޑޮލަރު ބޭންކުތަކަށް ވިއްކާފައި ވެއެވެ. އެއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 27 ޕަސެންޓް އިތުރު އަދަދެކެވެ.