އިންސާނީ ކާރިސާގެ ސަބަބުން މުޅި ދުނިޔެ ރަތް ކުލައިން ފެވިފައިވާ ކަން ފާހަގަ ކުރައްވައި، އެ ކާރިސާތަކުގެ އެލާމްގެ އަޑު އެހުމަށާއި ޔުނިޓެޑް ނޭޝަންސްގެ ހުރިހާ ގައުމަކުން އެކުގައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަގުރީރު ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، މިއަދު ގައުމުތަކުން މިތަނަށް ޖަމާވެފައި މި ތިބީ ދުނިޔޭގެ ތާރީހުގައި ވަރަށް ނާޒުކު ދަނޑިވަޅެއްގައި ކަމަށެވެ. މިއަދު ދައްކާ ވާހަކަތައް ކުޑަ ނުކުރުމަށް ގޮވާލައްވައި ރައީސް ވިދާޅުވީ، އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ބޮޑެތި ދަތިތަކުގެ ތެރޭގައި، އިތުރުވަމުންދާ ކާރިސާތަކުގެ ލިސްޓު އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން ހަމަނުޖެހުމާއި، ފަގީރުކަމާއި، ބަނޑުހައި ހޫނުކަމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުމާއި، މުއްސަނދިކަމުގެ ފަރަގާއި، ދިރިއުޅުމުގެ ހަރަދުގެ ދަތިކަމާއި، ހިޖުރަކުރުމާއި، ވަޒީފާ އަދާކުރުމުގެ ގޮންޖެހުންތަކާއި، އެކިބާވަތްތަކުގެ އެޑިކްޝަން ފަދަ ކަންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މި ލިސްޓް އަދިވެސް ވަރަށް ދިގު ކަމަށެވެ.

ޕޯޑިއަމްގައި ވާހަކަފުޅުދައްކަންވަން ހުންނަވައި ރައީސް އަތްޕުޅުގައި އޮތް ޗާޓެއް ދައްކަވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، މި ޗާޓުގައި ވާނީ ކޮންމެވެސް ކާރިސާއެއް ކުރިމަތިވެފައިވާ ގައުމެއް ކަމަށެވެ. ރަތްކުލައިން އެއިން ކޮންމެ ގައުމެއް ފާހަގަކޮށްފައިވާ އިރު، ފެހި ކުލައިން ފެވިފައިވާ ކާރިސާއެއް ދިމާ ނުވާ ގައުމެއް ފެންނަން ނެތް ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މި ވަގުތ މުޅި ދުނިޔެ މިއޮތީ ރަތް ކުލައިގެ އަޑީގައި ކަމަށް އެމަނިކުފާނު ސިފަފުޅު ކުރެއްވިއެވެ. އެއީ އިންސާނިއްޔަތުކަމުގެ ކާރިސާ ކަމަށާއި ގިނަ ހާލަތްތަކުގައި މިކަން ދިމާވަނީ އިންސާނުންގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.

އިންސާނިއްޔަތު ކަމުގެ ކާރިސާގެ އެލާމް އަޅަމުން އަންނަ އިރު، މިބެލެނީ އެހެން ދިމާލަކަށް ކަމަށާއި އަދި އެ ކާރިސާއަށް ސަމާލުކަން ނުދީ ވިޔަފާރީގެ ކަންކަމުގައި މަސްއޫލުވެ އުޅެވޭ ކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ. އިންސާނީ ކާރިސާއާއެކު މުޅި ދުނިޔެ އަޑިއަށް ފައިބައިގެން ދާއިރުވެސް ކުރިއެކޭ އެއްގޮތަށް ކުޅެމުން އަންނަނީ އެއް ރާގެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ވަގުތު ބޭނުންވަނީ "ޔުނައިޓެޑް ނޭޝަންސް" ގޮތުގައި އެކުގައި މަސައްކަތް ކުރާނެ ގައުމުތަކެއް ކަމަށާއި އެކުގައި ތިބެ ހާލުގައި ޖެހިގެން ދިއުމަށް މަސައްކަތް ކުރާ ގައުމުތަކެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.