2040 ވަނަ އަހަަރު އަންނަން ވާ އިރަށް ރާއްޖެއަށް ބޮޑު ތަރައްގީ ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެއީ އެމަނިކުފާނުގެ އަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަގުރީރު ކުރައްވަމުން ރައީސް ވިދާޅުވީ، 20240 ވަނަ އަހަރަކީ ރާއްޖެއަށް ވަރަށް މުހިއްމު އަހަރެއް ކަމަށާއި އެއީ ރާއްޖެއަށް މިނިވަންކަން ލިބުމުތާ 75 އަހަރު ފާހަގަ ކުރާ އަހަރު ކަމަށެވެ. އެ އަހަރު އަންނަން ވާ އިރަށް ވަރަށް ގިނަ ލަނޑުދަނޑިތަކެއް ހާސިލް ކުރަން ނިންމާފައިވާ ކަމަށާއި އަދި ހާސިލް ކުރެވޭނެ ކަންކަން ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ.
ރައީސް ކަމަށް ވަޑައިގަތީ ރައްޔިތުންގެ ތާއީދާއެކުގައި ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، މި ވަގުތު އެމަނިކުފާނުގެ ވިސްނުންފުޅު ހުންނެވީ ހަމަ އެކަނި މި ވަގުތަށް ނޫން ކަމަށާއި ރާއްޖޭގެ މުސްތަގްބަލާއި ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަކީ އެމަނިފާނުގެ އަޒުމެއް ކަަމަށެވެ.
އެގޮތުން 2040 އަންނަން ވާއިރށް ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ އަޒުމްގައި ހުންނެވި ކަމަށް ރައީސް ވިދާޅުވިއެވެ. އެހިސާބަށް ދިއުމުގައި އެންމެ ބޮޑު ރޯލެއް އަދާ ކުރާނީ މި ވަގުތު އަޅާ ފިޔަވަޅުތަކާއި ނިންމާ ނިންމުންތަކުގެ މައްޗަށް ކަަމށް ރައީސް ވިދާޅުވިއެވެ. 2040 އާ ހަމައަށް ވިސްނާ ނަމަ އެއީ ވަރަށް ދިގު މުއްދަތެއް ކަމަށާއި ނަމަވެސް އެ މުއްދަތުގެ ތެރޭގައި ގިނަ ކަންތައްތަކެއް ހާސިލް ކުރެވިއްޖެ ނަމަ ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
މިގައުމު ތަރައްގީ ކުރުމަށް ގައުމުގެ އުފެއްދުންތެރިކަމަށް އިންވެސްޓް ކުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވިއެވެ. އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރަން އެންމެ މުހިއްމު އެއް ކަމަކީ ޓެކްނޮލޮޖީގެ ތަރައްގީ ގެނެސްގެން ކަމަށް ރައީސް ވިދާޅުވިއެވެ. މުސްތަގްބަލް ކުރިއަށް އޮތީ ޓެކްނޮލޮޖީއާ އެކުގައި ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ޑިޖިޓަލް ދުނިޔެއާ އެއްހަމަ ކުރުމަށް މަސައްކަތް ކުރައްވަނީ އެ ސަބަބާ ހުރެ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ތެރައްގަީ އަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން 2030 ވަނަ އަހަރު އަންނަން ވާ ޖީޑީޕީގެ 15 ޕަސެންޓް ހާސިލް ކުރުމަކީ އެއް އަމާޒު ކަމުގައި ރައީސް ފާހަގަ ކުރެއްވިއެވެ. އަދި މިކަން ހާސިލް ކުރެވޭނީ ޓެކްނޮލޮޖީއަށް އިންވެސްޓްކޮށްގެން ކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި ގިން ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޯށް ދިނުމަށް ޓެކްނޮލޮޖީ މުހިއްމު ދައުިރެއް އަދާ ކުރާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި ސިއްހީ ދާއިރާ އާއި އެޑިއުކޭޝަން އަދި ސޯޝަލް ވެލްފެއާ ދާއިރާގެ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ޓެކްނޮލޮޖީގެ ދައުރު ރައީސް ފާހަގަ ކުރެއްވިއެވެ.