ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ފުލުހުންގެ ޑޯގް ސްކޮޑް އެއާޕޯޓުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ބުނީ ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ކަސްޓަމް ސާވިސް އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ގުޅިގެން މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

އެގޮތުން އެއާޕޯޓުގައި ޑޯގް ސްކޮޑް ހަރަކާތްތެރިވަމުން ދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ދާދި ފަހުން މި މަހުގެ 20 ވަނަ ދުވަހުވެސް ކަސްޓަމްސް އިން ވަނީ ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު 349 ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.

މީގެއިތުރުން ސެޕްޓެމްބަރު 18 ގައި ރާއްޖެ ގެނައި އެއާކާގޯ ޝިޕްމަންޓަކާއި ޕޯސްޓް ޕެކޭޖަކުން ވެސް މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އެގޮތުން 582 ގްރާމްގެ ސިންތެޓިކް ކެތިނޯން އާއި، 5210 ގްރާމްގެ ކެނަބިސްއާއި 2870 ގްރާމްގެ އެކްސްޓަސީ އަތުލައިގެންކަމަށާއި، އެ ތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށްވެް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ފުލުހުން ހާއްސަ އޮޕަރޭޝަންތައް ހިންގަމުން ދާއިރު، ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވާގޮތުގައި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ކަސްޓަމްސް އިން ވަނީ ޖުމުލަ 64.84 ކިލޯގެ މަސްތުވާތަކެތި އަތުލައިގަންފައެވެ. އަދި އޭގެ ލަފާކުރާ މަގުމަތީ އަގު 106،358،952 ދިވެހި ރުފިޔާއަށް އަރާ ކަމަށްވެސް ކަސްޓްމަސް އިން ވަނީ ބުނެފައެވެ.