ސަމިޓް އޮފް ދަ ފިއުޗާ "އިންޓަރެކްޓިވް ޑައެލޮގް 3؛ ޓުވާޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗާ" ކޯ-ޗެއާގެ ހައިސިއްޔަތުން ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ރާއްޖެއަށް ލިބުމަކީ ރާއްޖޭގައި ޑިޖިޓަލައިޒޭޝަން އިތުރަށް ފުޅާ ކުރުމަށް ލިބުނު ފުރުސަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ ފަރާތުން މިފަދަ ސެޝަންއެއްގައި ކޯ-ޗެއާ ކުރަން ލިބުމަކީ ރާއްޖޭގައި ކުރިއަށް ގެންދަން ބޭނުންވާ ޑިޖިޓަކް އިކޮނޮމީ ކުރިއަށް ގެންދިއުމަށާއި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ފުޅާކުރުމުގެ ސިޔާސަތު ކުރިއަށް ގެންދިއުމަށް ލިބުނު ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ.
މި ސެޝަންއަކީ ރާއްޖޭގެ ނަން އިންޓަނޭޝަނަލް ކޮމިއުނިޓީގައި ފާހަގަވެގެންދާން ލިބުނު ފުރުސަތެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިކަމުގެ ނަތީޖާ ރަނގަޅުވާނެ ކަމަށެވެ. އަދި ރާއްޖޭގައި ޑިޖިޓަލައިޒޭޝަން ކުރިއަށް ގެންދަން ބޭނުންވާ ކަންތައްތަކުގައި އެހީތެރިކަން ހޯދުމާއި މުހިންމު އެކި ފަރާތްތަކާ ގާތް ގުޅުމެއް އުފެއްދުމުގެ ފުރުސަތު ލިބިގެންގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
މި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައި ވަނީ ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ އިންޓަނެޓްގެ ހިދުމަތާ ނުލައި ދިރިއުޅެމުންދާ މީހުން ކަމަށާއި އެކަމުގެ ސަބަބުން ވަކިން ހާއްސަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކުގައި ތަރައްގީ އާއި އަދުލު އިންސާފަށް ހުރަސް އެޅޭ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އެއްވެސް މީހަކު ބާކީ ނުވާނެކަން ކަށަވަރު ކުރެވޭނޭ ފަދަ ސިޔާސަތުތަކެއް އެކުލަވާލުމަށް ގޮވާލައްވާފައެވެ. އަދި އެކަމަށް މަގުފަހިވާނެ މައިގަނޑުތިން ކަމެއް ވަނީ ހުށަހަޅުއްވަމުން ރައީސް ވަނީ، ފުރަތަމަ ކަމެއްގެ ގޮތުގައި ޒުވާނުން ބާރުވެރި ކުރުވުމަށާއި ޑިޖިޓަލް އިގްތިސޯދީ ވެއްޓެއްގައި ޒުވާނުން ބާރުވެރިކުރުވާނެ ހަރަކާތްތަކެއް ފެށުމަށް ގޮވާލައްވާފައެވެ.
ދެވަނަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ގާއިމުކުރުމެވެ. ތިންވަނަ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ ހައްގުތައް ރައްކާތެރިކުރުމެވެ. މީގެއިތުރުން ރައީސް ވަނީ ،ޝާމިލު، ވިލުންތެރި އަދި އަދުލުވެރި ޑިޖިޓަލް ދުނިޔެއެއް ބިނާކުރުމަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.