ގާޒާއަށް ނިސްބަތްވާ ހަމާސްގެ މުޖާހިދުން އޮކްޓޯބަރު 7، 2023 ގައި އިޒްރޭލަށް ހަމަލާ ދިނުމުގެ ބަދަލެއްގެ ގޮތުން ޖެހިގެން އައި ދުވަހު އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ގާޒާ ވަނީ މިހާރު ފުނޑުފުނޑު ވެފައެވެ.
އެ ހަމަލާތައް ފެށި އިރު އެންމެ ފުރަތަމަވެސް ހަމަލާ ދޭން ފެށީ އިޒްރޭލާ އެންމެ ގާތަށް އޮންނަ ބިތް ގާޒާގެ އުތުރު ކޮޅަށް ކަމަށް ވެފައި ދުވަސް ކޮޅެއް ނުވެ ގާޒާގެ އުތުރު އެކީއެކަށް ފުނޑުފުނޑު ކޮށްލިއެވެ.
މިލިއަނަކަށް ވުރެ ގިނަ މީހުން ދިރިއުޅެމުން ދިޔަ ސަރަހައްދަކުން އެންމެން ފަހާ ނެރެން ދެމުން ގެންދިޔަ ހަމަލާތައް ވަރުގަދަ ކޮށް، އިމާރާތްތަކާއި ގެދޮރާއި ސްކޫލް މަދަރުސާތަކާއި އެހެނިހެން ހިޔާވަހިތައް ވަނީ ފުނޑުފުނޑު ކޮށްލާފައެވެ.
މުޅި ގާޒާ ހިމެނޭހެން ޝަހީދު ކޮށްލާފައި ވާ މީހުންގެ އަދަދު 40 ހާސް ފަހަނައަޅާފައި ވާ އިރު ޒަހަމްވި މީހުންގެ އަދަދު ވަނީ 1 ލައްކަ ފަހަނައަޅާފައެވެ.
ކުޑައެއް ބޮޑެއް، މުސްކުޅިއެއް، މުޖާހިދެއް ނުބަލައި އިޒްރޭލުން ހަމަލާ ދީ ގާޒާގެ އުތުރުން ގިނަ ބަޔަކު ފައްސާލި ނަމަވެސް އަދިވެސް އެ ސަރަހައްދުން ނުފައިބާ 60 ހާހެއްހާ މީހުން އެބަތިއްބެއެވެ. އެކިއެކި ޒަހަމްތްކާއި ނުކުޅެދިންތެރިކަމާ ހުރެވެސް އަދި ދަތުރުކުރާނެ ސަވާރީއެއް ވެސް ނެތުންފަދަ ސަބަބުތަކާ ހުރެވެސް ނުފޭބިފައި ތިބި މީހުންނާއި ފައިބައިގެން ދިޔަޔަސް އިޒްރޭލުން ހަމަލާ ދީ ޝަހީދު ކޮށްނުލައި ދޫކޮށްލާނެ ކަމުގެ ޔަގީންކަން ނެތުމާއެކު ޝަހީދުވިޔަސް ހެޔޮކަމަށް ތިބި މީހުން އޭގެ ތެރޭގައި ހިމެނެއެވެ.
މިހާރު އިޒްރޭލުން މުޅި ގާޒާއަށް ހަމަލާ ދެމުން އަންނަ އިރު ގާޒާގެ އުތުރާއި ދެކުނު ވަކިކޮށްލުމަށް ސުރެންސުރެން ހުރަހަށް ވަނީ ބޮޑު މަގެއް ކަނޑާފައެވެ.
މިހާރު އާކޮށް ފަށާ ޕްލޭނަކީ، ގާޒާގެ އުތުރުގައި ތިބި ނަމަ ތިބި ބަޔަކު ބޭލުމަށްޓަކައި ނުވަތަ ޝަހީދު ކޮށްލުމަށްޓަކައި އެމީހުން ތިބި ތަނެއްގައި ތިއްބާ އެތަނެއް ވަށާލައި އެބަޔަކު ނައްތާލުމުގެ ޕްލޭނެވެ. މި ޕްލޭނާ ގުޅޭ މައުލޫމާތު ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދީފައިވާ ކަމަށް އިޒްރޭލުގެ ބައެއް މީޑިއާތަކާ ހަވާލާދީ ރޮއިޓާސް އިން ބުނެއެވެ.
އިޒްރޭލުގެ ކުރީގެ އަސްކަރީ ކޮމާންޑަރަކާއި އިތުރު އާރުކާޓީއެއް އިސްވެ ތިބެ އެކުލަވާލީ ޕްލޭނާ ގުޅޭ ގޮތުން ބުނެފައި ވަނީ، ގާޒާގެ އުތުރުގައި އަދިވެސް 5000 އެއްހާ މުޖާހިދުން ފިލާ ތިބި ކަމަށާއި، އެހެން ކަމުން ގެއަކުން ގެއަކުން ވަށާލައި އެމީހުން އަތުލައި ނައްތާލާނެ ކަމަށެވެ.
އަދި ގާޒާގެ އުތުރު ހިފާ އެއީ އިޒްރޭލުގެ އަސްކަރިއްޔާގެ ކޮންޓްރޯލްގައި އޮންނަ އާންމުންނަށް ވަދެ ނިކުމެ ނޫޅެވޭ ތަނަކަށް ހަދާނެ ކަމަށެވެ.