އދ ގެ ތަސައްވަރުތައް ހަގީގަތަކަށް ހެދުމަށް ޒުވާނުން ބާރުވެރި ކުރުވަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ "ސަމިޓް އޮފް ދަ ފިއުޗަރ" ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ސަމިޓަކީ ގައުމުތަކުގެ އިސްވެރިން އެއްތަނަކުން ބައްދަލުވެ، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާކޮށް، މުސްތަގުބަލު ރައްކާތެރިކުރުމަށް އެންމެންގެ ހިޔާލު ހޯދުމަށް ކުރިއަށްގެންދާ ސަމިޓެކެވެ.

ރައީސް ވަނީ އދ ގެ ގައުމުތަކުން ގުޅިގެން މަސައްކަތްކޮށް ތަސައްވުރުތައް ހަގީގަތަކަށް ހެދުމަށް ތިން ކަމެއް ހުށަހަޅުއްވާފައެވެ. އެއީ:

  • ޒުވާނުން ބާރުވެރިކުރުވުން
  • މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތް ވަރުގަދަކުރުން
  • މާލީގޮތުން ގައުމުތައް ބާރުވެރިކުރުން

ރައީސް ވިދާޅުވީ އދ ގައި އެކި ކަންކަމަށް މަޝްވަރާކޮށް ތަސައްވުރުތައް ހާމަކުރަމުންދާ އެތައް އަހަރެއް ވެފައިވީނަމަވެސް އެކަންކަން ހުރީ އަދިވެސް ހަގީގަތަކަށް ނުހެދިކަމަށެވެ. ނަމަވެސް މިއީ މަލްޓިލެޓަރަލް ސިސްޓަމްތައް މެދުވެރިކޮށް ކަންކަން ހަގީގަތަކަށް ހަދަންވީ ވަގުތުކަމަށާއި އެކަން ކުރުމަށް މި ތިންކަންތަކަށް ބާރު އަޅަން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ ޒަމާނީ ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް އިންވެސްޓްކޮށް ކޮންމެ ޒުވާނަކަށްވެސް އެންމެ ފަހުގެ ޓެކްނޮލޮޖީ ހޯދޭނެ މަގު ތަނަވަސްވެފައި އޮންނަންޖެހޭކަމަށާއި، ބޮޑެތި ޑިޖިޓަލް ބަދަލުތަކާއެކު އިގްތިސާދީ ފުރުސަތުތައް ފަހިވެ ހަމަހަމަ ފުރުސަތުތަކެއް ޒުވާނުންނަށް ލިބޭތައް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށެވެ.

މީގެއިތުރުން ރައީސް ވަނީ މޫސުމީ ކާރިސާތަކުގެ ސަބަބުން ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތައް (ސިޑްސް)އަށް ވެސް ވޭތުވެދިޔަ 15އަހަރުގެ ތެރޭގައި 153 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާކަން ފާހަގަކުރައްވާފައެވެ.

ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސަމިޓްގެ މަގްސަދަކީ ބައިނަލްއަގްވާމީގޮތުން ވެވިފައިހުރި އެއްބަސްވުންތަކަށް އަމަލުކުރުން އަވަސްކޮށް، އެކްޝަން އޮރިއެންޓެޑް އައުޓްކަމް ޑޮކިއުމެންޓެއް ކަމުގައިވާ ޕެކްޓް ފޯ ދަ ފިއުޗާ މެދުވެރިކޮށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމެވެ.

މީގެ އިތުރުން ގްލޯބަލް ޑިޖިޓަލް ކޮމްޕެކްޓަކާއި ޑެކްލަރޭޝަން އޮން ފިއުޗާ ޖެނެރޭޝަންސް ފަދަ 21 ވަނަ ގަރުނުގެ ހަގީގަތްތައް ދައްކުވައިދޭ މެކޭނިޒަމްތަކެއް އުފެއްދުމުގެ މަސައްކަތްްވެސް މި ސަމިޓުގައި ކުރެވިގެންދާނެއެވެ.