ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، "ސަމިޓް އޮފް ދަ ފިއުޗާ" ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

މި ސަމިޓަކީ ގައުމުތަކުގެ އިސްވެރިން އެއްތަނަކުން ބައްދަލުވެ، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާކޮށް، މުސްތަޤުބަލު ރައްކާތެރިކުރުމަށް އެންމެންގެ ހިޔާލު ހޯދުމަށް ކުރިއަށްގެންދާ ސަމިޓެކެވެ.

ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސަމިޓްގެ މަގްސަދަކީ ބައިނަލްއަގްވާމީގޮތުން ވެވިފައިހުރި އެއްބަސްވުންތަކަށް އަމަލުކުރުން އަވަސްކޮށް، އެކްޝަން އޮރިއެންޓެޑް އައުޓްކަމް ޑޮކިއުމެންޓެއް ކަމުގައިވާ ޕެކްޓް ފޯ ދަ ފިއުޗާ މެދުވެރިކޮށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމެވެ.

މީގެ އިތުރުން ގްލޯބަލް ޑިޖިޓަލް ކޮމްޕެކްޓަކާއި ޑެކްލަރޭޝަން އޮން ފިއުޗާ ޖެނެރޭޝަންސް ފަދަ 21 ވަނަ ގަރުނުގެ ހަގީގަތްތައް ދައްކުވައިދޭ މެކޭނިޒަމްތަކެއް އުފެއްދުމުގެ މަސައްކަތްްވެސް މި ސަމިޓުގައި ކުރެވިގެންދާނެއެވެ.

މި ސަމިޓުގެ ޕްލެނަރީ ސެގްމަންޓްގައި ރައީސުލްޖުމްހޫރިއްޔާ ތަގްރީރު ކުރެއްވުމުގެ އިތުރުން ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާ ގައުމުތަކުގެ ވެރިންގެ ހިޔާލާއި މަޝްވަރާގެ ބަހުސްތައް ހިނގާ، "ޓުވާޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗާ: ސްޓްރެންދަނިންގ އިންކްލޫސިވް އިނޮވޭޝަން އެންޑް ކޯޕަރޭޝަން ޓު ބްރިޖް ދަ ޑިޖިޓަލް ޑިވައިޑް" ގެ ކޯ ޗެއާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަގުރީރު ކުރައްވާނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. އަދި އެމަނިކުފާނުގެ މިދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗާގައި ބައިވެރިވެވަޑައިގަންނަވައި، މުހިއްމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރުން ހަވާސާގައި ކުރިއަށްދާ ހަރަކާތްތަކުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން އެކި ދައުލަތްތަކާއި ގައުމުތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް މަޝްވަރާތައް ކުރިއަށްގެންދަވާނެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ އދގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެ އދގެ މެންބަރު ގައުމަކަށް ވީތާ 59 އަހަރު ފުރޭ މުނާސަބަތާވެސް މެއެވެ.

އދ ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގައެވެ. ރާއްޖެ އދ ގެ މެންބަރަކަށް ވީ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު، 1965 ވަނަ އަހަރު މިނިވަންވިތާ 57 ދުވަސް ފަހުންނެވެ.