ލަންކާ ބޭންކްރަޕްޓް ވި ފަހުން ހަމައެކަށް އެޅެމުން އަންނަ މި ދަނޑިވަޅުގައި ބޭއްވި ފުރަތަމަ އާންމު އިންތިހާބުގައި ކުޑަކުޑަ ޕާޓީއަކުން އައި ކެންޑިޑޭޓް އަނޫރާ ކުމާރާ ޑިސަނަޔަކެ ކުރި ހޯދަމުން އެބަދެއެވެ.
17 މިލިއަން މީހުންގެ 70 ޕަސެންޓް އިއްޔެ ވޯޓުލާފައި ވާ އިރު ލަންކާގެ އާންމ އިންތިހާބުގެ ވޯޓު ގުނުން ކުރިއަށ ދާއިރު މިހާތަނަށް ސާފުވި ނަތީޖާއިން ދައްކަނީ، ޑިސަނަޔަކެ 53 ޕަސެންޓް ހޯދާފައި ވާ ކަމަށެވެ.
ދެވަނައިގައި އޮތީ އިދިކޮޅު ލީޑަރުގެ ގޮތުގައި ލަންކާގައި ފާހަގަވާ ސަޖިތް ޕްރެމަދާސާ އެވެ. އޭނާ އަށް 22 ޕަސެންޓް ލިބިފައި ވާ ކަމަށް ދައްކައެވެ.
ލަންކާ އަށް ދިމާވި އިގްތިސޯދީ ތަދުގަނޑުގެ ތެރޭގައި ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެން އައިއެމްއެފްގެ އެހީގައި އިގުތިސޯދަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ރަނިލް ވިކްރަމަސިންގްހަ އޮތީ 3 ވަނައިގައެވެ.
މިހާރު ކުރީގައި އޮތް ޑިސަނަޔަކަ އިންތިހާބަށް ނިކުމެވަޑައިގަތީ އޭނާ ނިސްބަތްވާ މާޒިސްޓް ޖަނަތާ ވިމުކްތީ ޕެރެމުނާ (ޖޭވީޕީ) ގެ ފަރާތުން ނެޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) އާ ކޯލިޝަން ހައްދަވައިގެންނެވެ.
ޑިސަނަޔަކެ ނިސްބަތްވާ ޕާޓީގެ ސިޔާސަތަކީ، ޓެކްސްތައް ކުޑަކޮށް ވިޔަފާރީ ލަންކާގެ ތެރޭގައި ހިފެހެއްޓުމުގެ ސިޔާސަތަކެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުން، ހުޅުވާލެވިފައިވާ ވިޔަފާރީގެ ސިޔާތަކަށް ވުރެ އެތެރޭގައި ހިފެހެއްޓިފައި އޮންނަ ވިޔަފާރީގެ ސިޔާސަތަކުން ރައްޔިތުންނަށް ކުރާ ފައިދާ ބޮޑުވާނެއެވެ.
މިވަގުތު ގާނޫނު ހަދާ މަޖިލީހުގައި އޭނާ ނިސްބަތްވާ ޕާޓީއަށް ލިބިފައި ވަނީ އެންމެ 3 ގޮނޑިއެވެ. ނަމަވެސް މި އިންތިހާބަށް އޭނާ ނިކުމެވަޑައިގެން ކުރިއަށް ނެރުއްވި ސިޔާސަތުތަކުގެ ތެރޭގައި ލަންކާއިން ކޮރަޕްޝަން ނައްތާލުމާއި ފަގީރުންގެ ފަގީރުކަން ނައްތާލުމުގެ ވަތުގަދަ ސިޔާސަތުތަކެއް ތަންފީޒު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގަތުން ހިމެނެއެވެ.
އަދި ވެރިކަން ލިބިވަޑައިގެންފި ނަމަ ލަސްވެގެން 45 ދުވަހުގެ ތެރޭގައި މިހާރު އޮތް ގާނޫނު ހަދާ މަޖިލީސް އުވާލައްވާނެ ކަމަށާއި އާ މެންޑޭޓާއެކު އާ މަޖިލީހެއް އެކުލަވާލުމަށް ޖާގަ ލިބިގެން ދާނީ އޭރުން ކަމުގައިވެސް އޭނާ ވައުދުވެވަޑައިގެންފައި ވެއެވެ.
ލަންކާ އަށް 2022 ވަނަ އަހަރު ދިމާވި އިގްތިސޯދީ ތަދުގަނޑުގެ ތެރޭގައި ބޭރު ފައިސާގެ ރިޒާވް ހުސްވެ، ކާބޯތަކެއްޗާއި ތެލާއި ބޭސް އަދި ކައްކާ ގޭސް އެތެރެ ނުކުރެވި ގައުމު ހުއްޓުނެވެ. އޭރު ވެރިކަމުގައި ހުންނެވީ ގޮތަބަޔާ ރާޖަޕަކްސައެވެ. އެ ނުތަނަވަސްކަމުގެ ތެރޭގައި އެތައްހާސް ރައްޔިތުންނެއް މަގުތަކަށް ނިކުމެ ރާޖަޕަކްސަގެ ވެރިކަން ވައްޓާލިއެވެ. އޭނާ ގައުމު ދޫކުރައްވާ ފިއްލެވުމާއެކު، ގާނޫނު ހަދާ މަޖިލީހުން ވެރިކަން ހަވާޅު ކުރީ އޭނާއާ ގާތް ބޭފުޅެއް ކަމަށް ވާ ރަނިލް އާއެވެ. ރަނިލްގެ ޒައާމަތުގައި އައިއެމްއެފްއިން 2.9 ބިލިއަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓް ޕްރޮގްރާމެއްގެ ދަށުން ގައުމުގެ އިގްތިސޯދު އާންމު މަގަށް އެޅެމުން ދިޔަނަމަވެސް ދިރިއުޅުމުގެ އަގުތައް އަދިވެސް ހުރީ އިންތިހާ މަތީގައެވެ.