މިއަހަރުގެ ބަޖެޓުން 156 މިލިއަން ރުފިޔާ، ފްރީ ޑިގްރީ ޕްރޮގްރާމަށް ހަރަދުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

2024 ވަނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދައިރާއަށް ހާއްސަކޮށްފައިވާ ބަޖެޓުގެ ތަފާސް ހިސާބުތައް ހާމަކުރަމުން ފިނޭންސް މިނިސްޓްރީން ބުނީ ތައުލީމީ ދައިރާއަށް ހާއްސަކޮށްގެން 5،280 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 4،445 މިލިއަން ރުފިޔާ ހިމަނާފައިވާއިރު ކެޕިޓަލް ހަރަދުގެ ގޮތުގައި 824 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އެއީ ކޮންމެ ދަރިވަރަކަށް 54،056 ރުފިޔާގެ އަދަދުކަމަށް ފިނޭންސް އިން ވަނީ ބުނެފައެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ހިސާބުތަަކަށް ބަލާއިރު ބަޖެޓުގައި 550 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވަނީ ދަރިވަރުންގެ ލޯނު ސްކީމަށެވެ. މީގެތެރެއިން 184 މިލިއަން ރުފިޔާ ދަރިވަރުންނަށްދޭ ސްކޮލާޝިޕްތަކަށް ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވާއިރު، ތައުލީމީ ދާއިރާއަށް ކަނޑައަޅާފައިވާ ބޮޑުބައެއް ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވަނީ މުވައްޒަފުންގެ މުސާރައަށެވެ.

މީގެ އިތުރުން 3،270 މިލިއަން ރުފިޔާ މުވައްޒަފުންގެ މުސާރައަށް ހަރަދުވާނެކަމަށް ބަޖެޓުގައި ލަފާކޮށްފައިވާއިރު، ދަރިވަރުންގެ ފޮތްލިސްޓާއި ސްކޫލު ފީގެ ގޮތުގައި 192 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެސް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ. މީގެ އިތުރުން ސްކޫލާއި ޔުނިވާސިޓީ އިމާރާތްކުރުމަށް 238 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ބަޖެޓުގައި ހިމަނާފައިވެއެވެ.

2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ 49،550 މިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި ދަރަނި ނުވަތަ ލޯނު އަނބުރާ ދެއްކުމަށް ކުރާ ހޭދައާއި ބޭރުގެ މާލީ އިދާރާތަކަށް ރައުސުލްމާލުގެ ގޮތުގައި ދައްކާ ފައިސާ ހިމެނޭއިރު. މިއީ ހަރަދުގެ ގޮތުގައި ގުނޭ ބައިތަކެއް ނޫނެވެ. މި ދެބައި ނުލައި، 2024 ވަނަ އަހަރު ދައުލަތުގެ ޖުމްލަ ހަރަދު ލަފާކޮށްފައިވަނީ 47،317 މިލިއަން ރުފިޔާއެވެ.