މި ވަގުތު ހާލަތު އޮތް ގޮތުން ރާއްޖޭގެ މުސްތަގްބަލަށް އދ އާއި އެކި ޖަމާއަތްތަކާޢީ އެކި ގައުމުތަކުގެ އެހީތެރިކަން ހޯދުމަށް ވާހަކަ ދެއްކުމަކީ މުހިއްމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު އދގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. މުއިއްޒު ވިދާޅުވީ، މި ދަތުރުފުޅުގައި މުހިއްމު ހުރިހާ ކަމެއްގައި ރާއްޖޭގެ ބަސް އިއްވާނެ ކަމަށެވެ. އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ދިވެހިރާއްޖެއަށް އެންމެ ފައިދާ ވާނީ ބައިނަލްއަގްވާމީ ދުނިޔެއާއި ގުޅިލާމެހުނު ވަރަކަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން އެކަން ހާސިލް ކުރެވޭނީ ރާއްޖެއަށް ފައިދާ ހުރި އެކި ކަންކަން ކޮށްދެވިދާނެ ފަރާތްތަކާ ގިނައިން ވާޙަކަ ދައްކަވައި އެކުގައި މަސައްކަތް ކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މި ވަގުތު ރާއްޖޭގެ ހާލަތު އޮތް ގޮތުން އދގެ އާންމު މަޖިލީހަށް ވަޑައިގަތުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި މުއިއްޒު ފާހަގަ ކުރެއްވިއެވެ.

ރާއްޖެއަށް ފައިދާ ވާނެ ގޮތަށް ދައްކަވާ ވާހަކަތަކުގެ ތެރޭގައި ތިމާވެއްޓާ ގުޅުން ހުރި ކަންކަމާއި ޓެކްނޮލޮޖީއާ ގުޅުން ހުރި ކަންކަމާއި ތަރައްގީއާ ގުޅުން ހުރި ކަންކަން އެމަނިކުފާނު ފާހަގާ ކުރެއްވިއެވެ. ހަމައެއާއެކު ރާއްޖޭގެ ކުރިމަގު އަދި ރާއްޖޭގެ މުސްތަގްބަލަށް އދގެ އެހީތެރިކަމާއި އެކި ގައުމުގެ އެހީތެރިކަން ހޯދުމަށް ވާހަކަ ދެއްކުމަކީ މި ވަގުތު ގައުމަށް އެންމެ މުހިއްމު ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއަށް ފައިދާ ވާނެ ގޮތަށް ވާހަކަ ދެއްކެވުމުގެ އިތުރުން ދުނިޔޭގައި ހިންގާ އެކިކަންކަމުގައި ވެސް ރާއްޛޭގެ ބަސް އެތަނަށް ވަޑައިގަނެ އިއްވުމާއި ވަޑައިނުގަނެ އިއްވުމަކީ ވަރަށް ބޮޑު ތަފާތެއް ހުންނާނެ ކަމެއް ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. ހަމައެއާއެކު އދގައި ދުނިޔޭގެ ކުދި ގައުމުތަކާއި މުސްލިމް ގައުމުތަކާ މެދު ކަންކަން ކުރަނީ އެންމެ އެދެވޭ ގޮތަށްތޯ، މި މައުލޫއަށް ވެސް ވާހަކަ ދެއްކެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެމެރިކާގެ ނިއުޔޯކަށް މިރޭ އެމަނިކުފާނު ފުރާ ވަޑައިގެންފައިވާ އިރު މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ނައިބު ރައީސް ހަސަން މުހައްމަދު ލަތީފާއި ރައްޔިތުން މަޖިލީހުގެ ރައިސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގަންނަވައެވެ.

އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަގުރީރު ކުރައްވާނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. އަދި އެމަނިކުފާނުގެ މިދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗާގައި ބައިވެރިވެވަޑައިގަންނަވައި، މުހިއްމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރުން ހަވާސާގައި ކުރިއަށްދާ ހަރަކާތްތަކުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން އެކި ދައުލަތްތަކާއި ގައުމުތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް މަޝްވަރާތައް ކުރިއަށްގެންދަވާނެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ އދގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެ އދގެ މެންބަރު ގައުމަކަށް ވީތާ 59 އަހަރު ފުރޭ މުނާސަބަތާވެސް މެއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އެނބުރިވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހު އެވެ.