އދގެ އާންމު މަޖިލީހުގެ 79 ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، އެމެރިކާގެ ނިއުޔޯކަށް މިރޭ އެމަނިކުފާނު ފުރާ ވަޑަިއގެންފައިވާ ކަމަށާއި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ނައިބު ރައީސް ހަސަން މުހައްމަދު ލަތީފާއި ރައްޔިތުން މަޖިލީހުގެ ރައިސް އަބްދުއްރަހީމް އަބްދުﷲ މި ދަތުރުފުޅުގައި ބައިވެރިވެވޑައިގަންނަވައެވެ.

އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަގުރީރު ކުރައްވާނީ މި މަހުގެ 24 ވަނަ ދުވަހު ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އަދި އެމަނިކުފާނުގެ މިދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗާގައި ބައިވެރިވެވަޑައިގަންނަވައި، މުހިއްމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރުން ހަވާސާގައި ކުރިއަށްދާ ހަރަކާތްތަކުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައިސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން އެކި ދައުލަތްތަކާއި ގައުމުތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް މަޝްވަރާތައް ކުރިއަށްގެންދަވާނެ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ އދގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެ އދގެ މެންބަރު ގައުމަކަށް ވީތާ 59 އަހަރު ފުރޭ މުނާސަބަތާވެސް މެއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އެނބުރިވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު ކަމަށް ރައިސް އޮފީހުން ބުނެއެވެ.