ސްރީލަންކާ އިން ރާއްޖެއަށް އަށް އައި އުމުރުން ދުވަސްވީ ދިވެއްސެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ، މިދިޔަ ހޯމަ ދުވަހު ސްރީލަންކަން އެއާލައިންސް އިން ރާއްޖެއަށް އައި 65 އަހަރުގެ ދިވެހި ފިރިހެނެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެ ދުވަހު އަތުލައިގެން މަސްތުވާތަކެއްޗަކީ ހެރޮއިން ކަމަށާއި އޭގެ ބަރު ދަނަކީ 349 ގްރާމް ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ.

ހަމައެއާއެކު މިދިޔަ ބުދަ ދުވަހު ވެސް ރާއްޖެ ގެނައި އެއާކާގޯ ޝިޕްމަންޓަކާއި ޕޯސްޓް ޕެކޭޖަކުން ވެސް މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އެގޮތުން 582 ގްރާމްގެ ސިންތެޓިކް ކެތިނޯން އާއި، 5210 ގްރާމްގެ ކެނަބިސްއާއި 2870 ގްރާމްގެ އެކްސްޓަސީ ބުދަ ދުވަހު ވަނީ އަތުލައިގެންފައެވެ.

ކަސްޓަމްސް އިން ބުނީ އެ މައްސަލަ ތަހުގީގުކުރަން އެ ފިރިހެން މީހާ އަދި އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.