ސްރީލަންކާގެ ރިޔާސީ އިންތިހާބު މި މަހުގެ 21 ވާ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާއިރު، ސަލާމަތަށްޓަކައި ވޯޓު ލާ މަރުކަޒުތައް ކައިރިއަށް ދިވެހިން ނުދިއުމަށް ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމޮޝަން އިން އިލްތިމާސްކޮށްފިއެވެ.

އެ ކޮމިޝަނުން ބުނީ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސްރީލަންކާގެ ރިޔާސީ އިންތިހާބާއި ގުޅިގެން ސަލާމަތީ ފިޔަވަޅުތައް އިތުރުކުރެވިފައިވާ ކަމަށާއި މިދަނޑިވަޅުގައި އިތުރަށް ސަމާލުވުމަށް އެ ގައުމުގައި އުޅޭ ދިވެހިންނަށާއި އެ ގައުމަށް ދަތުރު ކުރާ ދިވެހިންނަށް އިލްތިމާސް ކުރާ ކަމަށެވެ.

އެގޮތުން ބޭރަށް ދާއިރު އައިޑެންޓިފިކޭޝަން ގެންގުޅުމަށާއި، ވޯޓުލާ މަރުކަޒުތައް ކައިރިއަށް ނުދިއުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން ދަންގަޑިތަކުގައި ބޭރަށް ނުދިމުމަށާއި، ސަލާމަތީ ހިދުމަތްތަކުގެ އިރުޝާދުތަކަށް ކިޔަމަން ވުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

ބަންދު ދުވަސްތަކުގައި ވިސާއާއި ގުޅުން ހުރި ކަންކަން ހަމަޖެއްސެވުމަށްވެސް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

މި އިންތިހާބަކީ 2022 ވަނަ އަހަރު ލަންކާގެ ބޭރުގެ ރިޒާވް ހުސްވެ، އެ ގައުމުގެ އިގުތިސާދު އަޑިއަޅާލާ، ބޭރުގެ ދަރަނި ނުދެއްކި ގައުމު ބަނގުރޫޓުވުމަށް ފަހު ލަންކާގައި ބާއްވާ ފުރަތަމަ އިންތިހާބެވެ. ލަންކާގެ ގާތްގަނޑަކަށް 17 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މި އިންތިހާބުގައި 39 ކެންޑިޑޭޓަކު ވާދަކުރައްވައެވެ. އޭގެތެރޭގައި މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސާ ހިމެނެއެވެ.