ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 8 ލައްކައަށް ވުރެ ގިނަ ސިނގިރޭޓު ނައްތާލައިފިއެވެ.

ކަސްޓަމްސް އިން ބުނީ ގަވައިދާ ހިލާފަށް ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފަހައްޓާފައިވާ ތަކެތި މި މަހުގެ 4 ވަނަ ދުވަހު ނައްތާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 867،410 ސިނގިރޭޓު ހިމެނޭ ކަމަށް ކަސްޓަމްސް އިން ވަނީ ބުުނެފައެވެ.

ސިނގިރޭޓުގެ އިތުރުންވެސް ގަވައިދާ ހިލާފަށް ރާއްޖެ އެތެރެ ކުރަން ގިނަ އަދަދެއްގެ ތަކެތި ވަނީ ނައްތާލާފައެވެ. އޭގެ ތެރޭގައި:

  • 3496 ބަނގުރާ ފުޅި
  • 763 ބިއަރު ދަޅު
  • 32 ބަނގުރާ އެކުލެވޭ އެހެނިހެން ތަކެތި (ޕްލާސްޓިކް، ޗޮކްލެޓް، ޕެކެޓް)
  • 162.58 ދުންފަތް / ދުންބޯ ފަތް (ކިލޯ)
  • 137 ސިންގަލް ޔޫސް ޕްލާސްޓިކް ކޮތަޅު
  • 43 ސިންގަލް ޔޫސް ޕްލާސްޓިކް ތަށި، ފުޅި، ހޮޅި

ކަސްޓަމްސް އިން މިއަހަރުގެ މެދުތެރޭގައިވެސް ވަނީ ޓިޝޫ ކަމަށް ބުނެ އޮޅުވާލައިގެން އެތެރެކުރަން އުޅުނު ތިން މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އަތުލައިގަނެފައެވެ. ކަސްޓަމްސް އިން ވަނީ މެއި މަހުގެ 19ވަނަ ދުވަހު އައި މުދަލުގެ ޝިޕްމަންޓެއްގައި 343 ކޭސް ޕޭޕާ ޓިޝޫ ކަމުގައި ބުނެފައިވާ އެއްޗެއް ޑިކްލެއާކޮށްފައިވާ ކަމަށް ބުނެފައެވެ.

ކަސްޓަމްސްއިން ބުނީ އެ ޝިޕްމަންޓު ބަލައި ފާސްކުރިއިރު 143 ކާޓަންގެ ޕޭޕާ ޓިޝޫގެ އިތުރުން 200 މާސްޓާ ކާޓަންގެ ސިނގިރޭޓު ފެނިފައިވާ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ ރާއްޖެ އެތެރެކުރާ މުދާ ބަލައި ފާސްކުރުމުގެ ކަންކަން ކަސްޓަމްސްއިން ކުރަނީރިސްކް މެނޭޖްމަންޓު ނިޒާމުގެ ތެރެއިން ކަމަށާއި، އިންޓެލިޖެންސް މައުލޫމާތާ ޝިޕްމަންޓުގައި ހިމެނޭ މުދަލުގެ ރިސްކު އެކުލެވޭ މިންވަރަކަށް ރިއާޔަތްކޮށް މުދާ ބަލައި ފާސްކުރުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށެވެ.