މީހަކު ރަނީހުނުކޮށް އިނގިލި ބުރިކޮށްލި މައްސަލައިގައި ހިމެނޭ ދެ ސިފައިންގެ އޮފިސަރުން ސަސްޕެންޑުކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

މާލޭގެ ދެ އެޕާޓްމެންޓެއްގައި ހިނގި މި ހާދިސާ އާއި ގުޅިގެން ޖުމްލަ 5 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 24 އަހަރުގެ، ރ. ކަނދޮޅުދޫ، މިހުރާ، އަލީ ސާމީ އާއި އުމުރުން 18 އަހަރުގެ، ގދ. ގައްދޫ، ހުދުވެލި، އަހްމަދު ސާއިފް ވަހީދު އާއި އުމުރުން 21 އަހަަރުގެ، ތ. ތިމަރަފުށި، އުތުރުގެއާގެ، މުހައްމަދު ނައުޝާން ހުސައިން އާއި އުމުރުން 30 އަހަރުގެ، ކ. މާފުށި، ފުލް މޫން، މުހައްމަދު ނަފާހް އަދި އުމުރުން 24 އަހަރުގެ، ލ.ގަން، ތުނޑި، ލިންކް، އަހްމަދު ޒަޔާން އެވެ.

އެމްއެންޑީއެފް ދެ އޮފިސަރުންނަކީ ޒަޔާން އާއި ނަފާހް އެވެ.

މި މީހުންގެ ތެރެއިން 4 މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފައިވާއިރު މި މައްސަލައިގައި ހައްޔަރު ކުރި މުހައްމަދު ނަފާހް ވަނީ މައްސަލައިގެ ތަހުގީގު މަރުހަލާ ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރަހީނުކުރި މައްސަލާގައި ދެ އޮފިސަރުން ހައްޔަރުކޮށް ތަހުގީގު ކުރަމުންދާތީ އެ ދެ މީހުން ސިފައިންގެ ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހިއްސާ ކޮށްފައި ނުވެއެވެ.

މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައި ވަނީ، ކިޑްނެޕްކޮށްގެން އަނިޔާ ދީފައިވާ މީހަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމުން އެ ހޮސްޕިޓަލުގައި ހަރަކާތްތެރިވި ފުލުހުންނަށް މައުލޫމާތު ލިބިގެންނެވެ. އުމުރުން 30 އަހަރުގެ އޭނާއަށް ވަނީ ބޮޑެތި ޖިސްމާނީ އަނިޔާތަކެއް ދީފައެވެ. އެގޮތުން އެމީހާގެ ވާތު ލޯ މަތީގައި ބާރަށް ޖަހާފައި ވުމުން ލޮލަށް ލޭއަރާ ލޯ ކައިރި ވަރަށް ބޮޑަށް ދުޅަވެ ވަނީ ނޫފައިގަނެފައެވެ.

ހަމައެއާއެކު އެމީހާގެ ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖައްސާފައި ހުރުމުން ލިބިފައިވާ ޒަހަމްތަކެއް ވެސް ފެންނަން ހުރި ކަމަށާއި އަދި ހަށިގަނޑުގެ އެތަން މިތަނުގައި ތަޅައި މާރާމާރި ހިންގުމުން ލިބިފައިވާ ޒަހަމްތަކެއް ވެސް ފެންނަން ހުރި ކަމަށް ފުލުހުން ބުނެއެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން އޭނާގެ ވާތުގެ ކުޑަވައި އިނގިލި މެދު ބަނދައާ ހަމައިން ވަނީ ބުރި ކޮށްލާފައެވެ.

މި މައްސަލައިގައި އަނިިޔާ ލިބިފައިވާ މީހާ ރަހީނުކޮށްގެން ހިފަހައްޓައިގެން ގެންގުޅެފައި ވަނީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުން މާލޭގައި ކުއްޔަށް ހިފާފައިވާ ދެ އެޕާޓްމަންޓެއްގައެވެ. އެ ދެ އެޕާޓްމަންޓް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި ކުރުމުން މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ނަން މަތީގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކާ ގުޅޭ ލިޔެކިޔުންތައް ފެނިފައިވާ ކަަމަށް ވެސް ފުލުހުން ބުނެއެވެ. އެތަން އޮފީހެއްގެ ގޮތުގައި ބޭނުން ކުރުމަށް ކޮމްޕިއުތާ ސިސްޓަމާއި ލެޕްޓޮޕް ބަހައްޓާފައިވާ ކަން ވެސް ފުލުހުން ފާހަގަ ކުރާ އިރު، މި މައްސަލަ ހިނަގަން މެދުވެރިވީ ސަބަބެއްގެ ގޮތުގައި ފާހަގވެފައި ވަނީ މަސްތުވާތަކެތީގެ މުއާމަލާތަކާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.

އަނިޔާ ލިބުނު މީހާ މެދުވެރިކޮށް އަނިޔާ ދިން ފަރާތުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެއެވެ. އަދި އެމީހާ ރަހީނުކޮށްގެން ގެންގުޅު ދެ އެޕާޓްމަންޓުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ބޭނުން ކުރާ ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔަ އިރު، އުމުރުން 18 އަހަރުން ދަށުގެ ތިން ކުދިން ބައިވެރިވެފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.