ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއަރުވާ ތަރައްގީކުރުމަށް އެކުލަވާލާފައިވާ "ދިވެހިރާއްޖޭގެ ހަކަތައިގެ ސިޔާސަތުތަކާއި އިސްތިރާޖީތައް 2024 – 2029" އިފްތިތާހުކޮށްފިއެވެ.
ހަކަތައިގެ ސިޔާސަތުތަކާއި އިސްތިރާޖީތައް 2024 – 2029 އިފްތިތާހުކޮށްދެއްވީ މިނިސްޓަރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ ތާރިގް އިބްރާހީމެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ހަކަތައިގެ ސިޔާސަތާއި އިސްތިރާޖީ އަމާޒު ހިފާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮޕް-28 ގެ ވައުދުފުޅާ އެއްގޮތަށް އިމްޕޯޓު ކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ހަކަތައިގެ މިންވަރު އިތުރުކުރުމަށް ކަމަށެވެ.
ހަކަތައިގެ އިސްތިރާޖީތައް 2024 – 2029 ބިނާކޮށްފައިވަނީ މައިގަނޑު ފަސް ސިޔާސަތެއްގެ މައްޗަށެވެ.
- އިރުގެ އަތްވާއި އަލީގެ ޓެކްނޯލޮޖީގެ އިތުރުން، ވަޔާއި ކަނޑުގެ އޮޔާއި ރާޅުން އަދި ދިޔަވަރުން ހަކަތަ އުފެއްދިދާނެ ގޮތްތައް ހޯދާ އަޖުމަބަލައި ތަރައްގީކުރުމަކީވެސް ހަކަތައިގެ ސިޔާސަތުގެ ވަރަށް ބޮޑު އަމާޒެކެވެ.
- ހަކަތައިގެ ދާއިރާއަށް އަންނަމުންދާ އައު ޓެކްނޮލޯޖީ ދިވެހިރާއްޖެއަށް ތައާރަފުކޮށް އިންސާނީ ވަސީލަތް ބިނާކޮށް ކުރިއެރުވުމަކީވެސް ހަކަތައިގެ ސިޔާސަތުގައި އިސްކަމެއް ދީފައިވާ ކަމެކެވެ.
- ހަކަތަ ސަލާމަތްކުރުމަށާއި އިސްރާފު ކުޑަކުރުމަށް ކުރަންޖެހޭ އިތުރުކަންކަން ތައާރަފުކޮށް ރައްޔިތުން އެކަމަށް އަހުލުވެރި ކުރުވުމަކީވެސް ހަކަތައިގެ ސިޔާސަތުގައި ހިމަނާފައިވާ ކަމެކެވެ.
- ހަކަތައިގެ ދާއިރާ ވަރަށް ޝާމިލު ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި އެއްގަމާއި ކަނޑުގެ ދަތުރުފަތުރުތެރެއަށް އިއާދަކުރަނިވި ހަކަތަ ތައާރަފުކުރުމަކީވެސް ހަކަތައިގެ ސިޔާސަތުގައި ހާއްސަކަމެއް ދީފައިވާ ކަމެކެވެ.
- ހަކަތައިގެ ދާއިރާގައި ހިމެނޭ ތަންފީޒީ އިދާރާތަކާއި ހަކަތައިގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ބޭނުންވާ ގާނޫނާއި ގަވާއިދުތައް ހަރުދަނާކުރުމަކީވެސް ވަރަށް ބޮޑު ސަމާލުކަމެއް ދީފައިވާ ކަމެކެވެ.