ނޭޝަނަލް ސެންޓާ ފޮ ދި އާޓްސް (އެންސީއޭ) އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓަރު އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ، "އެންސީއޭ އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތް 1445" އެވޯޑު ދިނުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެންސީއޭ އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ އުސޫލުތަކަށް ބަދަލުގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ޑްރާމާތައް އޮލިމްޕަހުގައި ސްކްރީންކޮށް، ޓިކެޓު ވިއްކައިގެން ލިބޭ އާމްދަނީގެ ޕަސެންޓޭޖެއް ޑްރާމާ އުފައްދާ ފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ހަމައެހެންމެ އޮފީސްތަކުގެ ޓެލެޑްރާމާގެ ސަބަބުން ގިނަ ފަންނާނުން އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، އެފަރާތްތަކަށް އިންޑަސްޓްރީއިން ފުރުސަތު ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ކުރިން އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި ބައިވެރިވެވޭނީ ސަރުކާރު އޮފީސްތަކާއި އަމިއްލަ މުވައްސަސާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެކަންޏެވެ. ނަމަވެސް އެ އެންސީއޭ އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލާފައިވާއިރު އެންސީއޭ އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތް 1445ގެ އެންމެ މޮޅު ޑްރާމާއަކަށް ހޮވިފައިވަނީ "މަނާލް"އެވެ. މި ޑްރާމާއަކީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އިން ތައްޔާރުކުރި ޑްރާމާއެކެވެ.

އެންސީއޭ އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތް 1445ގެ އެވޯޑު ލިބުން ފަރާތްތައް:

  • އެންމެ މޮޅު އެކްޓަރު (އަންހެން): ޑރ. ރަނާ އަހްމަދު ހަމީދު (މަނާލް/ އެމްއެންޔޫ)
  • އެންމެ މޮޅު އެކްޓަރު (ފިރިހެން): އަބްދުﷲ ޝާފިއު (ކުރެހުން/ ކަރެކްޝަނަލް ސާވިސް)
  • އެންމެ މޮޅު ސަޕޯޓިން އެކްޓަރު (އަންހެން): އާއިދާ ހައްމަދު (މަނާލް/ އެމްއެންޔޫ)
  • އެންމެ މޮޅު ސަޕޯޓިން އެކްޓަރު (ފިރިހެން): މުހައްމަދު ނިޝްވާން (ކުރެހުން/ ކަރެކްޝަނަލް ސާވިސް)
  • އެންމެ މޮޅު ޑިރެކްޓަރު: މުހައްމަދު ފައިސަލް (މަނާލް/ އެމްއެންޔޫ)
  • އެންމެ މޮޅު ސްކްރީންޕްލޭ: މަހުދީ އަހްމަދު (މަނާލް/ އެމްއެންޔޫ)
  • އެންމެ މޮޅު ސިނަމެޓޮގްރާފަރު: (މަނާލް/ އެމްއެންޔޫ)
  • އެންމެ މޮޅު އެޑިޓަރު: މުހައްމަދު ފައިސަލް (މަނާލް/ އެމްއެންޔޫ)
  • އެންމެ މޮޅު ޑްރާމާ (ވިއުވާސް ޗޮއިސް): ދޮރުކަޅި (ފަހި ދިރިއުޅުން ކޯޕަރޭޝަން)
  • އެންމެ މޮޅު އެކްޓަރު އަންހެން ( ވިއުވާސް ޗޮއިސް): ޑރ. ރަނާ އަހްމަދު ހަމީދު (މަނާލް/ އެމްއެންޔޫ)
  • އެންމެ މޮޅު އެކްޓަރު ފިރިހެން (ވިއުވާސް ޗޮއިސް): އަބްދުﷲ ޝާފިއު (ކުރެހުން/ ކަރެކްޝަނަލް ސާވިސް)
  • އެންމެ މޮޅު ޑްރާމާ: މަނާލް/ އެމްއެންޔޫ

ފަސް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އަލުން އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް ބާއްވާފައި ވަނީ މިއަހަރުއެވެ. މި މުބާރާތުން އެންމެ މޮޅު ޑްރާމާއަށް 50،000 ރުފިޔާގެ ފައިސާގެ އިނާމްގެ އިތުރުން އެންމެ މޮޅު އަންހެން އަދި ފިރިހެން އެކްޓަރަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ދީފައެވެ.