މާލޭގައި އަންހެނަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރުކޮށް، ބަންދުގައި ހުއްޓާ މަރުވި އާދަމް އަތުހަރުގެ ހަށިގަނޑު އޮޓޯޕްސީގެ ނަތީޖާ ދައްކާ ގޮތުގައި އޭނާ މަރުވެފައި ވަނީ މަރުވާން ކުރި މަސައްކަތުގެ ތެރެއިން ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަތުހަރުގެ ކޭސްއާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، އޭނާގެ އޮޓޮޕްސީގެ ރިޕޯޓް ލިބިފައިވާ ކަމަށާއި އެ ރިޕޯޓްގައި ބަޔާން ކޮށްފައިވާ ގޮތުން އޭނާ މަރުވެފައި ވަނީ އަމިއްލައަށް މަރުވާން ކުރި މަސައްކަތުގެ ތެރެއިން ކަމަށެވެ. މި ކޭސް އާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެއެވެ.
ފުލުހުން ބުނީ، އިތުރު މައުލޫމާތު ހިއްސާ ކުރެވެން ނެތީ މި މައްސަލައާ ގުޅިގެން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ތަހުގީގެއް ކުރިއަށް ގެންދާތީ ކަމަށެވެ.
އަންހެނަކު ރަހީނު ކުރި މައްސަލާގައި، ހައްޔަރުކޮށް ދޫނިދޫ ޖަލުގައި ބަހައްޓާފައި ހުއްޓާ އަތުހަރު ވަނީ ދަންޖެހި އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައެވެ. އަދި މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އަތުހަރު މަރުވާން މަސައްކަތް ކުރުމާ ގުޅުވާ ފުލުހުންނާއި ކަރެކްޝަންސްގެ އޮފިސަރުންނަށް ތުހުމަތުކޮށް ގިނަ ވާހަކަތަކެއް ދައްކާފައެވެ.
އަތުހަރު ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ހުއްޓާ އަމިއްލައަށް ދަންޖެހިގެން މަރުވި މަންޒަރު ފެންނަ ސީސީޓީވީ ވީޑިއޯ ފުޓޭޖް ފުލުހުން ވަނީ ނޫސްވެރިންނަށް ދައްކާފައެވެ. އެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އަތުހަރު ދަންޖެހެން މަސައްކަތް ކޮށްފައި ވަނީ އޭނާގެ ސޯޓުގެ ވާކޮޅެއް އޭނާ ބަންދުކޮށްފައި ހުރި ގޮޅީގެ ކުޑަދޮރުގައި އައްސައިގެންނެވެ.
ޖަލުގައި ދަންޖެހެން މަސައްކަތް ކުރި އަތުހަރު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދީފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ. ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ ޖަލު ކެމެރާ މޮނިޓާ ކުރަމުން ދިޔަ ވަގުތު ޖަލުގެ ކެމެރާއިން ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހުގެ ހަވީރު 4:08 ހާއިރުއެވެ.