އިމާމުން ތަމްރީނު ކުރުން ގައުމީ ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 402 އިމާމުން ތަމްރީނު ކުރެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމް ވިދާޅުވީ، ރާއްޖެއިން ބޭރުން މިހާތަނަށް 60 އިމާމުން ތަމްރީނު ކުރެވިފައި ވާ ކަމަށެވެ. އަދި އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 100 އިމާމުން ތަމްރީނުކުރުން ކަމުގައި މިނިސްޓަރު ވިދާޅުވިއެެވެ. އިތުރަށް މިނިސްޓަރު ވިދާޅުވީ މިއަހަރުގެ މިހާތަނަށް އިމާމުންނަށް އަރަބި ކޯސް ލެވެލް 1 އަދި 2 ހިންގާފައިވާ ކަމަށާއި 33 އިމާމުން ކޯސް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

ޒުވާން ހާތީބުން ތަމްރީނު ކުރުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 234 ޒުވާން ހާތީބުން ތަމްރީނުކުރެވިފައިވާކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އިމާމުންގެ ތައުލީމީ ފެންވަރު މަތިކޮށް ފިކުރީ ގޮތުން ތަރައްގީ ވެފައިވާ އިސްލާމީ ހަރުދަނާ ޝަހުސިއްތުން ތަކަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ މިސްކިތްތަކުގެ އިމާމުން ތަމްރީނުކޮށް ނިންމުމަކީ އަމާޒެއްކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރު އިސްލާމިކް މިނިސްޓްރީން ކުރެވުނު މަސައްކަތްތަކުގެ ތަފްސީލުތައް ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިއަހަރު އިމާމުންގެ އަހަރީ ބައްދަލުވުން ބާއްވާފައިވާ އިރު ހާޒިރުވެގެންނާއި، އޮންލައިންކޮށް 388 އިމާމުން ބައިވެރިވެފައި ވާކަމަށެވެ.

މީގެ އިތުރުން ޝަހީމް ވިދާޅުވީ އިސްލާމީ ވަގްފު ލައިބަރަރީ އޮންލައިންކޮށް ގާއިމްކޮށް 81 ފޮތް ވެބްސައިޓުގައި ޝާއިއުކޮށް 7 ފޮތް ވެބްސައިޓްގައި މުޅިން އަލަށް ޝާއިއުކުރެވިފައިވާ ކަމަށެވެ. އަދި ފަގީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމަށް އުސޫލެއް ހަދައި، އެ އުސޫލާ އެއްގޮތަށް ދަފްތަރު ރިވިއު ކުރެވިފައި ވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. ގައުމީ ފެންވަރުގައި ޒަކާތަށް ހޭލުންތެރި ކުރުމުގެ މަޝްރޫއު ފަށައި މިހާތަނަށް 59 ދަރުސް، 25 އެވެއާނަސް ސެޝަން، 1 ޕަބްލިކް އެވެއަާނަސް ޖަލްސާ، 2 ހުކުރު ހުތުބާ އަދި 5 އައުޓްރީޗް ބާއްވާފައި ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުން 10،000،000 ރުފިޔާ އަދި ގާޒާއަށް އެހީވުމަށް 100،000 ޑޮލަރު ހަރަދު ކުރެވިފައި ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތަފްސީލު ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިހާރު 22 މިސްކިތެއްގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި 2 އިސްލާމިކް ސެންޓަރުގެ މަސައްކަތުގެ އިތުރުން 1 ގުރްއާން ސެންޓަރު ހިމެނޭހެން ޖުމްލަ 25 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދާކަން ވަނީ ފާހަގަ ކުރައްވާފައެވެ.