ސަރުކާރުންވިޔަސް ރައްޔިތުން ބީއެމްއެލްއަށް ކުރާ އިތުބާރު ގެއްލޭފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މި ފަދައިން ވިދާޅުވެފައި ވަނީ ބީއެމްއެލްގެ ޗެއާމަންގެ މަގާމަށް ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ އަހުމަދު އަލީ ހަބީބު އައްޔަނުކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް ނަން ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ.
އެޗްޑީސީގެ ބޯޑުގެ މެންބަރުކަމާއި އެޕޯލޯ ހޯލްޑިން ޕްރައިވެޓް ލިމިޑެޓްގެ ޖެނެރަލް މެނޭޖަރުގެ މަގާމު ވެސް އަދާ ކުރެއްވި އަހުމަދު އެ މަގާމަށް އައްޔަން ކުރަން ހުށަހެޅީ ބީއެމްއެލްގެ މިހާރުގެ ސީއީއޯ ކާލް ސްޓުމްކަ ވަނީ މި މަހުގެ 8 ވަނަ ދުވަހު އިސްތިއުފާ ހުށަހަޅުއްވުމާ ގުޅިގެންނެވެ.
އޭނާ އިސްތިއުފާ ދެއްވީ ރުފިޔާ ކާޑުތަކަށް ޑޮލަރު ދިނުން ބީއެމްއެލުން ކުއްލި ގޮތަކަށް ހުއްޓާލުމާ ގުޅިގެން، ސިޔާސީ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބޮޓް އެކައުންޓު ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރިކަމަށް ތުހުމަތު ކުރާ މައްސަލައެއް ތަހްގީގުކުރަން ފުލުހުން ފަށާފައި ވަނިކޮށެވެ.
މި ދަނޑިވަޅުގައި ސޯލިހު މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބީއެމްއެލް އަކީ ވަރަށް ގިނަ އާންމުންނާއި ވިޔަފާރިވެރިންގެ ދިރިއުޅުމާ ގުޅިފައިވާ ތަނެއް ކަމަށާއި އެއީ އަބަދުވެސް އެންމެންގެ ފުރިހަމަ އިތުބާރު އޮންނަންޖެހޭ ތަނެއް ކަމަށެވެ. އަދި ސަރުކާރުންވިޔަސް އެމްއެލްއަށް އޮތް އިތުބާރު ގެެއްލޭފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ސޯލިހު ވިދާޅުވިއެވެ.
11 މެންބަރުންގެ މައްޗަށް އެކުލެވޭ ބީއެމްއެލްގެ ބޯޑުގައި މިވަގުތު ތިއްބެވީ އަށް މެންބަރުންނެވެ. ބޯޑުގައި ތިއްބެވި މެންބަރުންގެ ތެރެއިން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވަނީ ބޯޑު މެންބަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.
ބީއެމްއެލުން ބާއްވާ އެކްސްޓްރާ އޯޑިނަރީ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރުއެވެ. ބައިވެރިވެވޭނީ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލްގެ ހިއްސާދާރުންގެ ދަފްތަރުގައި ރެޖިސްޓްރީވެފައިވާ ނަމައެވެ.