ހޯމް މިނިސްޓަރު އަލީ އިހްސާން އަށް އެމްއެންޑީއެފް އިން ސެކިއުރިޓީ ދޭން ފަށައިފިއެވެ.

އެމްއެންޑީއެފްއިން މިނިސްޓަރު އިހްސާންއަށް ސެކިއުރިޓީ ދޭން ފަށައިފައިވާކަން ހޯމް މިނިސްޓްރީ އިން ވަނީ "ދަ ޕްރެސް" އަށް ކަށަވަރު ކޮށްދީފައެވެ.

ހޯމް މިނިސްޓްރީއިން ބުނީ މިނިސްޓަރު އިހްސާންއަށް އެމްއެންޑީއެފްއިން ސެކިއުރިޓީ ދޭން ނިންމާފައި ވަނީ "ތްރެޓް ލެވެލް ހައި" ވުމާ ގުޅިގެން ކަމަށެވެ. ނަމަވެސް މިކަމުގެ ތަފްސީލެއް ހޯމް މިނިސްޓްރީ އިން ދީފައެއް ނުވެއެވެ.

ހޯމް މިނިސްޓްރީގެ ދަށުން އެތައް ވުޒާރާއެއް ހިންގަމުން ދާއިރު، މިނިސްޓަރު އިހްސާން ދަނީ ކުށްތައް މަދު ކުރުމަށާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭންސީންގެ މައްސަލަ ހައްލު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. އަދި މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅުނު ގިނަ އަދަދެއްގެ ބިދޭސީން ޑީޕޯޓް ކޮށްލާފައި ވެއެވެ. މީގެ އިތުރުން ކުށް ކުރާ މީހުންގެ ވަނަވަރު އާންމު ކުރަން ފަށާފައި ވާއިރު، ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ގަވާއިދާ ހިލާފަށް ދުއްވާ އުޅަނދުތައް ދެނެގަނެ އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅަމުންނެވެ.

"މާލެ ފަހި" ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިހްސާން ވިދާޅުވެފައި ވަނީ ޒަމާނުއްސުރެ ގާނޫނާ ގަވާއިދަށް ނޫޅުމުގެ ސަގާފަތެއް ރާއްޖޭގައި އެބައޮތްކަމަށާއި، އެ ސަގާފަތް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައި ވާކަމަށެވެ. އެހެންކަމުން ކަމާގުޅުންހުރި އިދާރާތައް ގުޅިގެން އެ މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން އިހްސާން ވަނީ ދެއްވާފައެވެ.

މުޖުތަމައުގައި ހުރި ހައްސާސް މައްސަލަތަކުގެ ތެރޭގައި ހިމެނޭ ގޭންގް މައްސަލަތަކާއި މަސްތުވާތަކެއްޗާއި، ގަވައިދާ ހިލާފަށް އުޅޭ ފަރާތްތަކުގެ މައްސަލަތައް ހައްލު ކުރުމަށް ޒިންމާވާ ވަޒީރެއްގެ ގޮތުގައި އިހުސާސް ހުންނެވުމުން، އޭނާ އަށް އެކިއެކި ފަރާތްތަކުން ތްރެޓް ލިބެމުން ދާކަމުގެ ވާހަކަތައް ދެކެވެމުން ދެއެވެ.