މިއަހަރު އަލަށް މަތީ ސާނަވީއަށް ކިޔަވައިދޭން ފެށި ސަރުކާރު ސްކޫލުތަކާއެކު ރާއްޖޭގައި އޭލެވެލް އަށް ކިޔަވާ ދަރިވަރުންގެ އަދަދު މިދިޔަ އަހަރާ އަޅާ ބަލާ އިރު 77 ޕަސެންޓު އިތުރުވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލު ހާމަކޮށްފައެވެ. އެގޮތުން މިހާރު ރާއްޖޭގެ 23 ސްކޫލެއްގައި 3 މާއްދާއިން ނުވަތަ 2 މާއްދާއިން ފާސްވި ދަރިވަރުންނާ އެކު، ގިނަ ދަރިވަރުންނަށް މަތީ ސާނަވީ ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީފަވާކަމަށް އެ މިިނިސްޓްރީން ވަނީ ބުނެފައެވެ.

އިތުރަށް އެ މިނިސްޓްރީން ބުނީ މިގޮތަށް ހުޅުވާލި ފުރުސަތާއެކު، މިއަހަރު ސަރުކާރު ސްކޫލުތަކުގައި އަލަށް 2000އަށް ވުރެ ގިނަ ދަރިވަރުން އޭލެވެލްއަށް ކިޔަވަމުން ދާކަމަށާއި މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 77 ޕަސެންޓުގެ އިތުރުވުމެއް ކަމަށެވެ. އަދި އަލަށް ކިޔަވައިދޭންފެށި 23 ސްކޫލާއެކު، މަތީ ސާނަވީއަށް ކިޔަވައިދޭ 45 ސަރުކާރު ސްކޫލް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމުކުރެވިފައިވާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މީގެ ކުރިން ސީއެޗްއެސްއީގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ ކޮންމެ އަހަރަކުވެސް އެތަށް ހާސް ދަރިވަރުން ތައުލީމު ހާސިލުކުރާއިރު، މަތީ ފެންވަރުގެ ޔުނިވާސިޓީތަކަށް ވަދެވޭ މިންވަރަށް 2500 އެއްހާ ދަރިވަރުން ފާސްނުކުރެވޭ ކަމަށެވެ. މިކަން ބަދަލުކޮށް، ވީހާވެސް ގިނަ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށް، އޭލެވެލް ނިންމާ ދަރިވަރުންގެ އަދަދު އިތުރުކުރުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނެ އެއްކަން ކަމުގެ މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ މަތީ ސާނަވީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އޭލެވެލް އަށް ވަދެވޭ ކްރައިޓީރިއާގައިވާ 5 މާއްދާ ނުވަތަ 3 މާއްދާއިން ފާސްނުވުންކަމުގައި ފާހަގަކުރައްވާފައެވެ.