ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވާ ދީނީ އިޖުތިމާއީ ޖަމްއިއްޔާތަކާއެކު، ޖަމްއިއްޔާތަކުގެ އަހަރީ ބައްދަލުވުން ފަށައިފިއެވެ.

ޖަމްއިއްޔާތަކުގެ އަހަރީ ބައްދަލުވުން ފެއްޓެވުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ

މި ބައްދަލުވުން ފައްޓަވާ ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިފަދަ ބައްދަލުވުމަކުން ދީނީ އެތައް ޖަމްއިއްޔާތަކާއި ބައްދަލުވުމަކީ އުފާ ކުރައްވާކަމެއްކަމަށެވެ. އަދި ރާއްޖޭގެ ދީނީ ދައުވަތުގެ ކަންކަން އެންމެ ފުރިހަމައަށް ކުރިއަށް ގެންދެވޭނީ ވުޒާރާ އާއި ޖަމްއިއްޔާތައް ގުޅިގެން މަސައްކަތް ކޮށްގެން ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިއަދު ފެށި ދީނީ ޖަމްއިއްޔާތަކުގެ އަހަރީ ބައްދަލުވުން ތިން ސެޝަނަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މި ބައްދަލުވުމުގައި ރާއްޖޭގެ 70 ޖަމްއިއްޔާއަކުން 98 މަންދޫބުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މީގެ ތެރޭގައި އޮންލައިންކޮށް ބައިވެރިވާ ބައެއް ފަރާތްތައްވެސް ހިމެނެއެވެ.

މި ބައްދަލުވުމުގެ ތެރެއިން ރާއްޖޭގައި ހަރަކާތްތެރިވާ ބައެއް ބޮޑެތި ޖަމްއިއްޔާތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ހިއްސާކުރުމާއި، ޖަމްއިއްޔާތަކުން ދައުލަތުގެ ކަންކަމުގައި ހިޔާލު ހުށައެޅުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.