ސްޓެލްކޯ އިން ބިލް ކުރާނީ ކަރަންޓް ރީޑިން އަށް ކަމަށާއި ބޭނުން ނުކުރާ ކަރަންޓަކަށް ބިލު ނުކުރާނެ ކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ސްޓެލްކޯ އިން ބުނީ ކަރަންޓު އުފައްދައި ފޯރުކޮށް ދިނުމަށާއި، ކޮންމެ މަހަކު ރީޑިން ނަގައި ބިލުކުރުމާއި، ކަސްޓަމަރުން ބޭނުންވާ ހިދުމަތް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަކީ ހެދިފައިވާ ވަކި އުސޫލުތަކެއްގެ ތެރެއިން މުވައްޒަފުން ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ.

އެ އުސޫލުތަކާ ހިލާފަށް ސްޓެލްކޯއިން އަމަލު ނުކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"އަދި މިއާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަޑު ފަތުރަމުންދާ ކަމީ ހިތާމަހުރި ކަމެއް. އަދި ރައްޔިތުންގެ މެދުގައި އޮތް ކުންފުނީގެ ތަސައްވުރު ނައްސިވާގޮތަށް މިފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތައް ފެތުރުން މި ކުންފުނިން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި އެ ކުންފުނީގެ މުވައްޒަފުންނަކީ ވެސް ކަސްޓަމަރުން ކަމަށްވީ ހިނދު، މުވައްޒަފުންނަށް ވެސް ކޮންމެ މަހަކު ބިލު ކުރެވެނީ ކަސްޓަމަރުންނަށް ބިލުކުރާ އުސޫލުންނެވެ.

ފަހުމީ މިއަދު ހެނދުނު 'އެކްސް' ގައި ލިޔުއްވި ގޮތުގައި ސްޓެލްކޯއިން ކަސްޓަމަރުންނަށް ކޮންމެ މަހަކު ވެސް ބިލުކުރާނީ ކަރަންޓު މީޓަރުތަކުގެ ރީޑިން ނެގުމަށް ފަހުގައެވެ.

"ސްޓެލްކޯ އިން ކަސްޓަމަރުންނަށް ބިލުކުރަނީ މީޓަރުތަކުގެ ރީޑިންތަކަށް ވަރަށް ބޮޑަށް ބެލުމަށް ފަހު އެއްވެސް ޕަސެންޓޭޖެއް އިތުރު ކުރުމެއް ނެތި، އޭރުން [ކަސްޓަމަރުންނަށް] ބިލުކުރުމުގައި ހަމަހަމަކަން ކަށަވަރުވެގެން ދޭ،" އޭނާ ލިޔުއްވިއެވެ.