މަތީ ސާނަވީއާއި ސާނަވީ އިމްތިހާނުތަކުން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންގެ އަގު ވަޒަންކޮށް އިނާމު ދިނުމަށް މިއަދު ކުރިއަށްދާ "މަތީ އަރުތަވެރިންގެ އިނާމު" ނުވަތަ ޓޮޕް ޓެން ޖަލްސާ ތިން ދަންފަޅިއަކަށް ބަހާފައިވާއިރު، އެ ތިން ދަންފަޅިވެސް ރައީސް މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިއީ މިފަދައިން ތިން ދަންފަޅި ރައީސް ޝަރަފުވެރިކޮށްދެއްވި ފުރަތަމަ ފަހަރަށް ވާއިރު، ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން މިރެއާ ހަމަޔަށް ކުރިއަށްދާ ތިން ރަސްމިއްޔާތުގައިވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތުމަކީ، ތައުލީމަށް އަދި ޒުވާން ދަރިވަރުންގެ ކުރިއެރުމަށާއި ފާގަތިކަމަށް އެމަނިކުފާނު ދެއްވާ އަހައަމިއްޔަތުގެ ހެއްކެއް ކަމަށެވެ.

ހަލީލް އިތުރަށް ވިދާޅުވީ އެހެން އަހަރުތަކުގައި މި ރަސްމިއްޔާތު ބާއްވަމުން އަައީ ސަރުކާރުގެ ނުވަތަ އަމިއްލަ ބޮޑެތި ކުންފުނިތަކުން ސްޕޮންސާކޮށްގެން ކަމަށާއި ނަމަވެސް މި އަހަރުގެ ރަސްމިއްޔާތަކީ ސީދާ ދަައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ބޭއްވޭ ރަސްމިއްޔާތެއް ކަމަށެވެ.

މީގެ ކުރީގެ އަހަރުތަކުގައި މި ރަސްމިއްޔާތު ބާއްވަމުން އަައީ، ސަރުކާރުގެ ނުވަތަ އަމިއްލަ ބޮޑެތި ކުންފުނިތަކުން ސްޕޮންސަރކޮށްގެން. ދަރިވަރުންނަށްވެސް ސްޕޮންސަރުންގެ އަތުން އިނާމު ހޯދައިގެން. ނަމަވެސް މިކަމަކީ ސީދާ ދަައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ވަރަށް ރަނގަޅު ފެންވަރުގައި ކުރިއަށްދާ ރަސްމިއްޔާތެއްގެ ގޮތުގައި ރައީސް ވަނީ ހަމަޖައްސަވާފައި.
މިނިސްޓަރު ހަލީލް

2022-2023 ވަނަ ދިރާސީ އަހަރު ދިވެހިރާއްޖޭގައި 2849 ދަރިވަރުން މަތީ ސާނަވީ އިމްތިހާން ފުރިހަމަކޮށްފައިވާއިރު މީގެ ތެރެއިން 441 ދަރިވަރަކު މުޅި ރާއްޖެއިން އެންމެ ރަނގަޅު 10 ނަތީޖާ ވަނީ ހޯދާފައެވެ. އަދި ވަކިވަކި މާއްދާއިން ދުނިޔޭގެ އެންމެ މޮޅު ނަތީޖާ 20 ދަރިވަރަކު ވަނީ ހޯދާފައެވެ.

އޭލެވެލް ޓޮޕް ޓެންގެ 1 ވަނަ 16 ދަރިވަރަކު ހޯދާފައިވެއެވެ. އެއްވަނައިގައި ހިމެނުނު 16 ދަރިވަރުންގެ ތެރޭގައި ހިމެނެނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ 6 ދަރިވަރުންނާއި ސީއެޗްއެސްއީގެ 6 ދަރިވަރުންގެ އިތުރުން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ 4 ދަރިވަރުންނެވެ.