ދިވެހި މުދައްރިސުން ތަމްރީނުކުރުމަށް ހާއްސަ ޕްރޮގްރާމެއް އަންނަ އޮކްޓޫބަރު މަހު އިފްތިތާހު ކުރައްވާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަފީއު މިފަދައިން ވިދާޅުވީ އިއްޔެ ތިން ދަން ފަޅިއަކަށް ކުރިއަށް ގެންދިޔަ މަތީ އަރުތަވެރިންގެ އިނާމު 2022-2023 ވަނަ ޖަލްސާގެ ދެވަނަ ދަންފަޅީގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ތައުލީމީ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ފެންވަރު ރަނގަޅު މުދައްރިސުން ދާއިރާގައި މަދުވުމުން ކަމަށެވެ.

އެހެންކަމުން މި މައްސަލަ އަށް ހައްލެއް ގެނައުމަށްޓަކައި މި ފެށޭ އޮކްޓޫބަރު މަހު ރާއްޖޭގައި ދިވެހި މުދައްރިސުން ތަމްރީނު ކުރުމުގެ ހާއްސަ ޕްރޮގްރާމެއް ފަށަން ނިންމާފައިވާ ކަމަށާއި މި ޕްރޮގްރާމް ފެށުމަށް ބޭނުންވާ ހުއްދަ މިދިޔަ ހަފްތާގައި ސޯޝަލް ކައުންސިލުން ދީފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ ޖުމްލަ 2400 އަށްވުރެ ގިނަ މުދައްރިސުން ދާއިރާއަށް މިހާރު ބޭނުންވާކަމަށާއި ޕްރައިމަރީ ގްރޭޑްތަކަށް އެކަނިވެސް 250 މުދައްރިސުން ބޭނުންވާ ކަމަށެެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ބޮޑު އިސްކަމެއް ދޭކަމަށާއި އެ ފަރާތްތަކުން އާއިލާ އާއި ރައްޓެހިންނާއެކު ވަގުތު ހޭދަކުރުމަށް ހުކުރު ދުވަހަކީ މަސައްކަތް ނުކުރާ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ރާއްޖޭގެ ތައުލީމީ ނިޒާމުގައި މަސައްކަތް ކުރައްވާ މުދައްރިސުންގެ ތެރެއިން 80 އިންސައްތައަށްވުރެ ގިނަ މުދައްރިސުންނަކީ އަންހެން މުދައްރިސުން. ޓީޗަރުން ހުކުރު ދުވަހު މަސައްކަތް ނުކުރާ ދުވަހެއްގެ ގޮތުގައި ވާނީ ކަނޑައަޅާފައި. އެބޭފުޅުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ރިޔާއަތްކޮށް އާއިލާއަށް ވަގުތުދިނުމުގެ ގޮތުން މިގޮތަށް މި ކަނޑައެޅީ
މިނިސްޓަރު ޝަފީއު

މިނިސްޓަރު ވިދާޅުވީ ޑޮކްޓަރުންނާއި އެކައުންޓެންޓުންނާއި އަދި ޓޫރިޒަމްގެ އެކިއެކި ދާއިރާގައި މަސައްކަތް ކުރާ މީހުންވެސް އުފައްދަނީ މުދައްރިސުން ކަމަށާއި އެހެންކަމުން މިއަށްވުރެ ޝަރަފުވެރި އެހެން ދާއިރާއެއް އޮންނާނެ ކަމަށް އެމަނިކުފާނު ގަބޫލު ނުކުރައްވާ ކަމަށެވެ. މިނިސްޓަރު ވަނީ އޭލެވެލް ނިންމާ ދަރިވަރުން މުދައްރިސުންނަށް ވެ ގައުމަށް ހިދުމަތް ކުރުމަށް އެދިވަޑައިގެންފައެވެ.