ރާއްޖޭގައި ވޭޕް އަދި އިލެކްޓް ރޯނިކް ސިނގިރޭޓް މަނާކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން މޯލްޑިވްސް އެންސީޑީ އެލަޔަންސް އިން ގޮވާލައިފިއެވެ.

ގައިން ގަޔަށް ނާރާ ބަލިތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި އެއް ބަޔަކު އަނެއް ބަޔަކަށް އެއްބާރުލުންދީ އެކުގައި މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ނެޝަނަލް އެލަޔަންސްގައި 7 ޖަމިއްޔާއެއް ހިމެނެއެވެ.

އެންސީޑީސީން ގެ މި ހަތް ޖަމިއްޔާގެ ފަރާތުން ރާއްޖޭގައި ވޭޕް އަދި އީ-ސިނގިރޭޓް މަނާކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުމަށް ގޮވާލާ ނެރުނު ބަޔާނުގައިވަނީ ރާއްޖޭގައި މަރުވާ 84 ޕަސެންޓު މީހުން ދުނިޔެ ދޫކުރަންޖެހިފައިވަނީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުންކަން ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައިވަނީ ވޭޕް އަދި އީ-ސިނގިރޭޓަކީ ދުންފަތުގެ ބާވަތެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ވޭޕްކުރުން މި ވޭތުވެދިޔަ އަހަރުތަކުގައި އިންތިހާއަށް އިތުރުވެފައިވުމަކީ އެ ޖަމިއްޔާތަކުގެ ކަންބޮޑުވާކަމެއްކަމުގައި ވަނީ ފާހަގަކޮށްފައެވެ.

އެ ދެ ބާވަތުގެ އުފެއްދުންތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ގިނަ ކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ ގައިންގަޔަށް ނާރާ ބަލިތަކަށް ހުށަހެޅޭ މިންވަރު އިތުރުވެ، ސިއްހީގޮތުން ނޭދެވޭ އެތަކެއް އަސަރުތަކެއް ވޭޕް އަދި އީ-ސިނގިރޭޓުން ހަށިގަނޑަށް ކުރަމުންދާ ކަމަށް ބުނެފައެވެ. އަދި އޭގައި އެކުލެވޭ ނިކޮޓިން އާއި އެހެނިހެން ކެމިކަލްތަކުގެ ސަބަބުން ކެންސަރު، ހިތުގެ ބަލި، ސްޓްރޯކް ފަދަ ގައިންގަޔަށް ނާރާ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު އިތުރުވާކަމަށް އެތަކެއް ދިރާސާތަކުން ސާބިތުވާ ކަމަށް މި ބަޔާނުގައިވަނީ ބުނެފައެވެ.

ސިނގިރޭޓުގައި ހިމެނޭ ފޯމަލްޑިހައިޑް، އާސެނިކް، އެކްރޮލިން، ބެންޒިން އަދި ނިކޮޓިން ފަދަ ކެންސަރާ އެހެނިހެން ގައިންގަޔަށް ނާރާ ބަލިތަކަށް މަގުފަހިކުރާ ކެމިކަލްތައް ވޭޕް އަދި އީ-ސިނގިރޭޓްގައި ހުންނާނެކަން ވެސް ވަނީ ފާހަގަކޮށްފައެވެ. ވޭޕްގައި ތަފާތު ފްލޭވާތައް ބޭނުންކުރުމުގެ ނަތީޖާއެއްގެ ގޮތުން ދުންފަތުގެ ހިތި ރަހަ ގެއްލި، ޒުވާނުން އެ ކަމަށް ދެވިހިފުމުގެ ފުރުސަތު އިތުރުވާކަން ފާހަގަކޮށް އެ ބަޔާނުގައިވަނީ ޅަފަތުގައި ކުދިން ދުންފަތަށް ހުށަހެޅި ދުންފަތުގެ އިސްތިއުމާލު ފުރަތަމަ ކުރެވޭ އުމުރު ދަށްވެ، ގިނަ ޒުވާނުން 18 އަހަރު ނުވަނީސް ދުންފަތުގެ އިސްތިއުމާލުކުރާކަމަށެވެ.

ދުނިޔޭގެ 34 ގައުމެއްގައި މިހާރު ވޭޕް މަނާކޮށްފައިވާކަން ފާހަގަކޮށް އެ ޖަމިއްޔާއިން ވަނީ ރާއްޖޭގައި ވޭޕް އަދި އީ-ސިނގިރޭޓް މަނާކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް ގޮވާލާފައެވެ.