ރާއްޖޭގައި އިމްޕޯޓްކޮށް ވިއްކަމުންދާ ޑޮކްޓަރީ ބޭހުގެ ވިޔަފާރިން ނަގާ ފައިދާ އެތައް ގުނައެއް މައްޗަށް ގޮސްފައިވާ ކަން ފާހަގަ ކުރައްވައި އެ ފައިދާ ދަށް ކުރުމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.

ރައީސް ވިދާޅުވީ، ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ 200 ޕަސެންޓުން ފެށިގެން 2000 ޕަސެންޓާ ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައި ކަމަށެވެ. ބޭސް ވިއްކުމުގައި މިވަރުގެ ބޮޑު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅުން ހުރި އެންމެހާ މުއައްސަސާތަކަށް މިހާރު އަންގަވާފައިވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ ސަބަބުން، ބޭހުގެ ބާޒާރު އަގާއި އާސަންދައިން ޗާޖުކުރާ އަގު ދަށްކުރެވިގެންދާނެ ކަން ރައީސް ފާހަގަ ކުރެއްވިއެވެ. މި ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލާއި ތަފްސީލު ވަރަށް އަވަހަށް އާންމުކޮށް އިއުލާން ކުރައްވާނެ ކަމަށާއި މި ބަދަލުގެ ނަތީޖާއެއްގެ ގޮތުން، އާސަންދައިން އިސްރާފުވަމުންދާ އެތައް ސަތޭކަ މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ސަލާމްތަ ކުރެވޭ ފައިސާއިން ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ބޭނުންކުރުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އާސަންދައިން ކުރާ ހޭދަ އިތުރުވަމުން އަންނަ އިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާސަންދައަށް ކުރި ހޭދަ 838 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއަހަރުގެ ދެވަނަ ކުއާޓަރު ނިމުނު އިރު އާސަންދައިން ކުރި ހަރަދު ވަނީ ޖުމްލަ 1.6 ބިލިއަން ރުފިޔާ އަށް އަރާފައެވެ. މިއާއެކު މި އަހަރުގެ އާސަންދައަށް ކަނޑައެޅި ބަޖެޓުގެ ބާކީ ދެން އިނީ 337 މިލިއަން ރުފިޔާއެވެ.