ރަޝިއާ އާއި ޔޫކްރައިން އާ ދެމެދު ކުރަމުން ދާ ހަނަގުރާމައިގައި އެމެރިކާގެ ހަތިޔާރުން ރަޝިއާގެ އެތެރެއަށް ހަމަލާ ދިނުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އިމެއް ނެތި ހުޅުވާލަން އެމެރިކާއިން ވިސްނަން ފަށައިފިއެވެ.
ހުއްޖަތަކަށް އެމެރިކާއިން ދެއްކީ، އީރާނުން ރަޝިއާ އަށް ކުރުރާސްތާ ބެލިސްޓިކް މިސައިލް ދީފި ކަމަށާއި އެ ހަތިޔާރުން ލަސްތަކެއް ނުވެ ޔޫކްރައިން އަށް ހަމަލާ ދޭނެ ކަމަށެވެ.
މިހާރު ލަންޑަނަށް ކުރައްވާ ދަތުރެއްގައި އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވީ، އީރާނު ހަތިޔާރު ބޭނުން ކޮށްގެން ޔޫކްރައިންގެ ކުރީ ސަފުތަކަށް ވުރެ ފަހަތަށް ރަޝިއާއިން ހަމަލާ ދޭނެ ކަމަށާއި އެހެން ކަމުން އެމެރިގެ އުފެއްދުމެއް ކަމަށްވާ ދުރުރާސްތާ ބެލިސްޓިކް މިސައިލް ޔޫކްރައިން އަށް ފޯރުކޮށް ދިނުމާ މެދު ވިސްނަމުން ގެންދާ ކަމަށެވެ.
އެމެރިކާގެ މި ތިހުމަތުތައް އީރާނުން ދޮގުކޮށް ބުނެފައި ވަނީ، ދެފަރާތެއްގެ ދެމެދުގައި ކުރިއަށް ދާ ކުރިމަތިލުމެއް ނުވަތަ ހަނގުރާމަ އެއްގައި އިންސާނުން މަރުވާ އދަދު ގިނަ ވުމާއި، އުމްރާނީ ވަސީލަތްތަކަށް ގެއްލުން ވެ ހަލާކުވުމާއި ސުލްހައިގެ މަގާ ދުރަށް ދާނެ ކޮންމެ ކަމަކީ އިންސާނިއްޔަތާ ހިލާފު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.
އެހެން ކަމުން އީރާނުވެސް ހިމެނޭހެން އެހެން ގައުމުތަކަށް ވެސް ގޮވާލަނީ އެފަދަ ހާލަތަކަށް މަގުފަހިވާނެ އެއްވެސް ބަޔަކަށް އެހީތެރި ނުވުމަށް ކަމަށް އީރާނުން ބުނެފައި ވެއެވެ.
އީރާނުން ރަޝިއާ އަށް ހަތިޔާރު ފޯރުކޮށް ދެނީ ކަމަށް ބުނެ އެމެރިކާއިން ބަހަނާ ދައްކާ އިރު އީރާނަކީ އެމެރިކާ އާއި ހުޅަނގު ގުޅިގެން ދަތިކުރުމުގެ ފިޔަވަޅު އެންމެ ވަރުގަދައަށް އަޅާފައި ވާ އެއް ގައުމެވެ. އެ ހާލަތުގައި އޮތް ގައުމަކާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އިއުލާން ކޮށް އެމެރިކާ އާއި ހުޅަނގުން ވަނީ އިތުރަށް ފިއްތާފައެވެ.
އިއްޔެ އެޅި މި ފިޔަވަޅުތަކުގެ ތެރޭގައި އީރާނަށް ނިސްބަތްވާ ބައެއް އަމިއްލަ ފަރާތްތަކާއި ކެސްޕިއަން ކަނޑުން މުދާ ހިފައިގެން ރަޝިއާ އާ ދެމެދު ދަތުރު ކުރާ ބޯޓެއް ކަމަށް ވާ 'ޕޯޓް އޮލްޔާ3' ވެސް ހިމެނެއެވެ. އެމެރިކާއިން ބުނަނީ ބެލެސްޓިކް މިސައިލް އުފުލަނީ އެ ބޯޓުގައި ކަމަށެވެ.
ކަނޑުމަތީގެ ދަތުރުފަތުރާ ބެހޭ މައުލޫމާތުތަކުން ހާމަ ވާ ގޮތުން އެމެރިކާއިން އެ ބުނާ ބޯޓު ވަނީ ހުސްވި މެއި މަހާއި އޮގަސްޓްމަހާ ދެމެދު ރަޝިއާ އަށް ގިނަ ދަތުރުތަކެއް ކޮށްފައެވެ.
އެމެރިކާގެ ދުރުރާސްތާ މިސައިލް ބޭނުން ކުރުމުގެ ހުއްދަ ޔޫކްރައިން އަށް ދިނުމަށް އެގައުމުން އެދެމުން ދާތާ އެތައް ދުވަހެއްގެ ފަހުން ފުރުސަތު ލިބޭނެ ކަމުގެ ސިގްނަލާއެކު ޔޫކްރައިން އިން ބުނެފައި ވަނީ، ރަޝިއާގެ އެންމެ އެތެރެއަށް ހަމަލާ ދިނުމުގައި އޭރުން ހުރަހެއް ނޯންނާނެ ކަމަށެވެ.
އެމެރިކާއިން މި މޭރުމުން ވާހަކަ ދައްކާފައި ވާ އިރު، އެއީ ވަރަށް ހައްސާސް މައްސަލަތަކެއް އުފެދިގެން ދާނެ ކަމެއް ކަމަށް ވިދާޅުވެ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން މީގެ ކުރިން އޮތީ އިންޒާރު ދެއްވާފައެވެ.
އޭނާ ވިދާޅުވެފައި ވަނީ، ހުޅަނގުގެ މިސައިލް ބޭނުން ކޮށްގެން ރަޝިއާއަށް ހަމަލާ ދީފި ނަމަ ހަނގުރާމަ ފުޅާވެގެން ދާނެ ކަމަށެވެ.