އިއްޔެ އަލިފާނުގެ ހާދިސާ ހިނގި ގެ ތަޅާލުމުގެ މަސައްކަތް ލޯކަލް ގަވަމެންޓް މިނިސްޓްރީން ފަށައިފި އެވެ.

ހ. ދޫހިމެރި ގޭގައި ހުންނަ ގާމަގު ކެފޭގައި އަލިފާނުގެ ހާދިސާ ހިނގީ އިއްޔެ މެންދުރު ފަހު ގާތްގަނޑަކަށް 14:47 އެހާއިރުއެވެ. އެއާއެކު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމް ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ރޭވި ފަހުންނެވެ.

ތިން ފަންގިފިލާއަކަށް ހަދާފައިވާ އެ އިމާރާތުގެ ތިރީގައި ކެފޭ ހުރިއިރު، މަތީ ދެ ފަންގިފިލާ ހަދާފައިވަނީ ޑެގު އަޅައި، ވަށައިގެން ޓިނު ޖަހައިގެންނެވެ. އަދި މަތީ ދެ ފްލޯ ބޭނުން ކުރަމުން ދިޔައީ ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގައެވެ. އެ ގޭގައި އަލިފާން ރޯވި ސަބަބު މިހާތަނަށް އެނގިފައި ނުވާއިރު އެތަން ވަނީ އެއްކޮށް ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

އެއާއެކު ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިއްޔެގެ އަލިފާނުގެ ހާދިސާ ހިނގި އިމާރާތުގެ ސަބަބުން އާންމުންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން ހަތަރު ދުވަހެއްގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޔެގެ ހާދިސާގައި އެއްވެސް މީހަކަށް މާބޮޑު އަނިޔާތަކެއް ނުވި ނަމަވެސް ދެ މީހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. އެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު 57 މީހަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ވެސް ހިމެނެއެވެ.