ގަތަރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖާސިމް ބިން ޖާބިރު ޖޭބީ އަލް-ސުރޫރަށް އުރީދޫ މޯލްޑިވްސް އަށް ޒިޔާރަތް ކުރައްވައިފިއެވެ.

އުރީދޫ އިން ބުނީ މި ޒިޔާރަތުގައި ރާއްޖެ އާއި ގަތަރާ ދެމެދު އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލާފައިވާކަމަށެވެ. އަދި އުރީދޫ މޯލްޑިވްސްއަކީ ގަތަރުން ކުރާ އެންމެ ބޮޑު ފޮރިން އިންވެސްޓްމަންޓްގެ ގޮތުގައި ފާހަގަކުރައްވާފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ޑިޖިޓަލް ލޭންޑްސްކޭޕް ކުރިއެރުވުމުގައި އުރީދޫ މޯލްޑިވްސްއިން ކުރަމުން ގެންދާ މަސައްކަތްތަކާއި، އިނޮވޭޝަން ކުރިއެރުވުމުގައި އުރީދޫ މޯލްޑިވްސްއިން އަދާކުރާ ދައުރާއި، މުޖުތަމައަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ގަތަރުގެ ސަފީރުގެ މި ދަތުރުފުޅުގައި އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާސްއަށް ޒިޔާރަތްކުރައްވައި، ކުރަމުން ގެންދާ ހާއްސަ ޕްރޮޖެކްޓްތަކުގައި ހަރަކާތްތެރިވާ މުހިންމު ޓީމްތަކާ ބައްދަލުކުރެއްވިއެވެ. މީގެ އިތުރުން ޑިޖިޓަލް އެކްސެސިބިލިޓީ އިތުރުކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތައް ބާރުވެރިކުރުވުމުގެ މަގްސަދުގައި އުރީދޫއިން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް ސަފީރު ވަނީ މައުލޫމާތު ހޯދަވާފައެވެ.

ގަތަރުގެ ސަފީރުގެ ދަތުރުފުޅުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ މޯލްޑިވްސްއަށް ޖާސިމް ބިން ޖަބީރް ޖޭބީ އަލް-ސުރޫރު ޒިޔާރަތްކުރައްވާ އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަކީ ލިބުނު ޝަރަފެއްކަމުގައެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމާއި، ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ހިންގުމުގައި އުރީދޫއިން އަދާކުރާ މުހިންމު ދައުރަށް ޔަގީންކަން ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވީ އުރީދޫ މޯލްޑިވްސް އާއި ގަތަރާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދެގައުމުގެ ކުރިއެރުމާއި، ދެގައުމުގެ މެދުގައި ކާމިޔާބަށް މަސައްކަތް ކުރުމަށް ދެ ފަރާތުގެ ވައުދާއެކުގައެވެ.