މިއަދު ގާމަގު ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގައި ޖުމްލަ 37 މީހުން ހާލުގައި ޖެހިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު (އެންޑީއެމްއޭ) އިން ބުނެފިއެވެ.

ހ. ދޫހިމިރި ގޭގައި ހުންނަ އެ ކެފޭގައި އަލިފާނުގެ ހާދިސާ ހިނގީ މިއަދު މެންދުރު ގާތްގަނޑަކަށް 14:47 އެހާއިރުއެވެ. އެއާއެކު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމް ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ހަވީރުވި ފަހުންނެވެ.

ތިން ފަންގިފިލާއަކަށް ހަދާފައިވާ އެ އިމާރާތުގެ ތިރީގައި ކެފޭ ހުރިއިރު، މަތީގައި ހުރި ދެ ފަންގިފިލާ ހަދާފައިވަނީ ޑެގު އަޅައި، ވަށައިގެން ޓިނު ޖަހައިގެންނެވެ. އަދި މަތީ ދެ ފްލޯ ބޭނުން ކުރަމުންދިޔައީ ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގައެވެ.

އެ ހާދިސާ އާއި ގުޅިގެން އެންޑީއެމްއޭ އިން ބުނީ، ޖުމްލަ 37 މީހުން ހާލުގައި ޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި 15 ބިދޭސީން ކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދެއެވެ. "މި ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތައް މި އޮތޯރިޓީން މިވަގުތު ދަނީ ކުރަމުން" އެންޑީއެމްއޭ އިން ބުންޏެވެ.

މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް މާބޮޑު އަނިޔާތަކެއް ނުވި ނަމަވެސް ދެ މީހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. އެއީ ރާއްޖެއިން ބޭރުގެ އުމުރުން 30 އަހަރުގެ އަންހެނަކާއި 48 އަހަރުގެ ދިވެހި އަންހެނެކެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެއްވެސް އިދާރާއަކުން މިހާތަނަށް ހާމަކޮށްފައި ނުވާއިރު މިދިޔަ ބުރާސްފަތި ދުވަހުވެސް ވަނީ ޔޫރޯ ސްޓޯރު މާލޭ ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މއ. އޮލިވީނާގޭގެ ތިންވަނަ ފަންގިފިލާގައި ހުރި ޔޫރޯ ސްޓޯރުގެ އެ ގުދަނުގައި ރޯވީ ކަރަންޓު ބޯޑެއްގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައި ވެއެވެ.