ނިމުނު އޮގަސްޓު މަހު ޖުމްލަ 176،151 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އިމިގްރޭޝަނުން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އޮގަސްޓު މަހު ރާއްޖެ ޒިޔާރަތް ކޮށްފައި ވަނީ 154،854 ފަތުރުވެރިންނެވެ. ނަމަވެސް މިއަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ 176،151 އިތުރުވެފައެވެ. އެއީ މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅާބަލާއިރު 13 ޕަސެންޓުގެ އިތުރު ވުމެކެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުވެސް އެންމެ ގިނައިން ރާއްޖެ ޒިޔާރަތް ކޮށްފައި ވަނީ ޗައިނާ ފަތުރުވެރިންނެވެ. އެ ގައުމުން ޖުމްލަ 38،987 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު ދެވަނައަށް އެންމެ ގިނައިން ޒިޔާރަތް ކޮށްފައި ވަނީ ރަޝިޔާއިންނެވެ. އެއީ 20،407 ފަތުރުވެރިންނެވެ. ލިސްޓްގެ ތިންވަނައިގައި 14،080 ފަތުރުވެރިންނާއެކު އިޓަލީ އޮތް އިރު ހަތަރު ވަނައިގައި އޮތީ 12،556 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތެވެ. ލިސްޓުގެ ފަސް ވަނައިގައި އޮތީ މީގެ 9.903 ފަތުރުވެރިންނާއެކު އަވަށްޓެރި އިންޑިއާއެވެ.

މިދިޔަ މަހު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ 14 ވަނަ ދުވަހުގައެވެ. އެ ދުވަހު 7032 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެންމެ މަދުން ފަތުރުވެރިން އައަިސްފައިވަނީ 3،392 ފަތުރުވެރިން އެ މަހުގެ 29 ވަނަ ދުވަހުއެވެ.

މިވަގުތަށް ރާއްޖޭގައި 174 ރިސޯޓު އޮޕަރޭޓް ކުރަމުންދާއިރު 14 ހޮޓެލަކާއި، 881 ގެސްޓް ހައުސްގެ އިތުރުން، 153 ސަފާރީ އުޅަނދު ވެސް ދަނީ އޮޕަރޭޓު ކުރަމުންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ލިސްޓުގެ އެއްވަނައިގައި އޮތް ޗައިނާ މާކެޓުން އޮގަސްޓު މަހުގެ 21 ގެ ނިޔަލަށް ޖުމުލަ 189470 ޗައިނާގެ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެއީ 65 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރު ނިމުނުއިރު ޗައިނާއަކީ ރާއްޖެއަށް ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ގައުމެވެ.

މިއަހަރުތެރޭ ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މީގެ ކުރިން ވިދާޅުވެފައިވަނީ މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ އަދަދުތަކަށް ބަލާއިރު، އަހަރު ނިމޭއިރު 2.1 މިލިއަން ނޫނީ 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.