އެހެން ކުންފުނިތަކާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން ހުއްޓިފައި އޮތް 22 މަޝްރޫއެއް އެމްޑަބްލިއުއެސްސީގެ ދަށަށް ބަދަލުކޮށް ކުރިއަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން މަތީން ވިދާޅުވީ ސަރުކާރު ބަދަލުވެގެން އައިއިރު ރަށްރަށުގައި ފަށާފައިވާ ގިނަ މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށެވެ.
އެގޮތުން ސަރުކާރާ ހަވާލުވިއިރު އެފަދަ 25 މަޝްރޫއެއް ފާހަގަ ކުރެވިފައި ވާއިރު އެ މަޝްރޫއުތަކުގެ ތެރެއިން ދެ ރަށެއް ފިޔަވާ ހުރިހާ ރަށެއްގައި ހުރި މަޝްރޫއުތަކުގެ މަސައްކަތް މިއަހަރު ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ ތެރެއިން 5 ރަށެއްގެ މަސައްކަތް މިހާރުވެސް ނިންމާފައިވާ ކަމަށާއި އަދި ބައެއް ރަށްރަށުގެ މަސައްކަތުގެ 85 ޕަސެންޓު އަދި އަނެއްބައި ރަށްރަށުގައި 95 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމް ވަރަށް ބޮޑަށް ބާވެފައިވާކަން ފާހަގަކުރައްވައި މަތީން އިތުރަށް ވިދާޅުވީ މާފުށްޓަކީ އެފަދަ އެއް ރަށް ކަމަށެވެ. އެ ނިޒާމު ބަދަލުކޮށް އެ ރަށުގައި އަލަށް ހިއްކާފައިވާ ސަރަހައްދުގައި ފެނާ ނަރުދަމާގެ މަސައްކަތް ކުރަން އެ ކުންފުނިން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށްވެސް މަތީން ވަނީ ވިދާޅުވެފައެވެ.