ފަތިހު ހޭލާ ދިވެހި ގައުމެއް ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ދަރުބާރުގޭގައި މިއަދު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ފަތިހު ހޭލާ ދިވެހި ގައުމެއް ބޭނުން ކަމަށާއި ހެނދުނާއި ދެނަމާދު ދޭތެރެ ގަޑީ ކީރިތި ގުރުއާން ކިޔެވުމުގައި ކުޑަ ކުދީން ޝައުގުވެރިކަމާއެކު އުޅޭ ދިވެހި ގައުމެއް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށެވެ.
"ފަރުޟު ނަމާދުގެ ޖަމާއަތްތައް ބައިބޯކޮށް ފެންނަން ބޭނުން. އެކަމުގެ މާތްކަމާއި އެކަމުގައި ހުރި ދަރުމައިގެ ގިނަކަން އަޅުގަނޑުމެން ކުރެ ކޮންމެ ދިވެއްސަކަށް އިހްސާސްވާން ބޭނުން. ހަމައެހެންމެ މިސްކިތްތަކަށް އިހުގައި ކުރި އިހްތިރާމު އަލުން ގެންނަން ބޭނުން" ރައީސް ވިދާޅުވިއެވެ.
އަދި ހަމައެހެންމެ މުސްލިމުން މާތް ބަޔަކަށް ވާނީ އެ މީހުންގެ ހަޔާތުން އެ މީހުންގެ މާތްކަން ދައްކާ، ހެޔޮ ކަންކަމަށް އަމުރު ކުރާނަމަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަމައެހެންމެ ނުބައި ކަންކަން ނަހީކޮށް ފުރިހަމަ މުސްލިމެއްގެ ގޮތުގާ ދިރިއުޅުމުގެ ކޮންމެ ކަމެއް ބައްޓަންކުރަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ކަސިޔާރު ފިކުރީ ރާޅުތަކުން އަޅުގަނޑުމެންގެ ޖީލުތަކުގެ ހިތްތަކާއި ވިސްނުންތައް ސަލާމަތްކުރަން ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަން ފާހަގަ ކުރައްވާ ރައީސް ވަނީ ކޮންމެ ބެލެނިވެރިއެއް، ކޮންމެ މުދައްރިސެއް އަދި ކޮންމެ ރައްޔިތެއް މިކަމުގައި އިސްނެންގެވުމަށް އިލްތިމާސް ކުރައްވާފައެވެ.
މިއަދަކީ ރާއްޖޭގެ ގައުމީ ދުވަސް ކަމަށްވާއިރު މިއަދު ހެނދުނު ދިދަނެގުމުގެ ހާއްސަ ރަސްމިއްޔާތެއްވެސް ކުރިއަށް ގެންގޮސްފައި ވެއެވެ. ރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަމުން ދަނީ އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެވެސް ރަބީއުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ.