ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިހް އަލްމަރްހޫމް ހުސައިން ސަލާހުއްދީންގެ ހަނދާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރުވައިފިއެވެ.

ހުސައިން ސަލާހުއްދީންގެ ހަނދާނަށް މި ޝަރަފު އެރުވީ މިއަދު ހެނދުނު ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

މި ޝަރަފު ހުސައިން ސަލާހުއްދީންގެ ހަނދާނަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ދިވެހި ގައުމިއްޔަތުގެ އެންމެ އިސް ބަހާތައް ކަމަށްވާ، ދިވެހީންގެ ދީނާއި، ދިވެހީންގެ ދިވެހިބަހާއި، ތަރިކައާއި، ސަގާފަތާއި، މި ދެންނެވި ރޮނގުތަކުން ދިވެހީންގެ ވިސްނުމާއި ފިކުރީ ތަރައްގީއަށް މަގުފަހިކޮށްދީ، އިލްމުގެ ނޫރު ފެތުރުމަށް ސަލާހުއްދީން ކުރައްވައިފައިވާ ގައުމީ ހިދުމަތަށްޓަކައެވެ.

ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވެވީ ޝަރަފުގެ އައްޑަނައެކެވެ. މި މަތިވެރި ޝަރަފަކީ، ދިވެހި ގައުމިއްޔަތަށް ފާހަގަކޮށްލެވޭފަދަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ މަތިވެރި ޝަރަފެވެ.

މި ހާއްސަ ޝަރަފު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ގާނޫނު ނަންބަރު 97/1 (ދިވެހިރާއްޖޭގެ އިއްޒަތުގެ ގާނޫނު) ގެ 6 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުންނެވެ.

ހުސައިން ސަލާހުއްދީނަކީ ދިވެހިރާއްޖެ ދުށް އެންމެ އުފެއްދުންތެރި އަދީބެވެ. އެމަނިކުފާނަކީ ދިވެހި ގައުމުގެ ނަމޫނާ ދަރިއެއްގެ އިތުރުން ދިވެހި ގައުމިއްޔަތު ނެގެހެއްޓުމުގެ އެންމެ ހަރުދަނާ އެއް ތަނބެވެ. އެގޮތުން އެމަނިކުފާނު ލިޔުއްވި ސިޔަރަތަށް ބަލައިލުމުން ވެސް އެމަނިކުފާނުގެ އިލްމުވެރިކަމާއި އަރަބި ބަހާއި ދިވެހި ބަހަށް ވެސް ހުރި ކުޅަދާނަފުޅުކަން ސާބިތުވެއެވެ.