ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިހް އަލްމަރްހޫމް ހުސައިން ސަލާހުއްދީންގެ ހަނދާނުގައި ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.

މި ޝަރަފު ދިނުމަށް ރައީސް ކަނޑައެޅުއްވީ، ދިވެހި ގައުމިއްޔަތުގެ އެންމެ އިސް ބަހާތައް ކަމަށްވާ، ދިވެހީންގެ ދީނާއި، ދިވެހީންގެ ދިވެހިބަހާއި، ތަރިކައާއި، ސަގާފަތުގެ ރޮނގުން ދިވެހީންގެ ވިސްނުމާއި ފިކުރީ ތަރައްގީއަށް މަގުފަހިކޮށްދެއްވައި، އިލްމުގެ ނޫރު ފެތުރުއްވުމަށް ސަލާހުއްދީން ކުރައްވާފައިވާ ގައުމީ ހިދުމަތަށްޓަކައެވެ.

ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ޝަރަފުގެ އައްޑަނައެވެ.

‎ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފަކީ، ދިވެހި ގައުމިއްޔަތަށް ފާހަގަ ކޮށްލެވޭފަދަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ރައީސް ދެއްވާ އެންމެ މަތިވެރި ޝަރަފެވެ. މި ހާއްސަ ޝަރަފު ދެއްވުމަށް ރައީސް ކަނޑައެޅުއްވީ، ދިވެހިރާއްޖޭގެ އިއްޒަތުގެ ގާނޫނުގެ ދަށުން ރައީސްއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުންނެވެ.

‎މި ޝަރަފު، ސަލާހުއްދީންގެ ހަނދާނަށް އެރުވުން އޮންނާނީ، މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 9 ޖަހާއިރު ދަރުބާރުގޭގައެވެ.

‎ގައުމީ ދުވަހުގެ މުނާސަބަތުގައި މި ބާއްވާ ރަސްމީ ޖަލްސާގައި، ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވުން އޮންނާނެއެވެ. މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވަނީ 7 ބޭފުޅަކަށެވެ.

އެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އަރުވަނީ، ދެމިހުންނަނިވި ހާއްސަ ހިދުމަތެއް ކުރުމުގެ ދާއިރާއިން އެ ބޭފުޅެއްގެ ހަނދާނަށެވެ. އެ ބޭފުޅަކީ، އެ ބޭފުޅެއްގެ އަޑުފުޅުން ޒަމާންތަކަށް ދެމިހުންނާނެ ފަދަ ގޮތަކަށް ރާއްޖޭގެ ރައްޔިތުންނަށް ވަރަށް އަގުހުރި ހަދިޔާއެއް ކޮށްދެއްވާފައިވާ އަދި ދެމިހުންނަނިވި ހިދުމަތެއް ކޮށްދެއްވާފައިވާ ހެންވޭރު ހާޖަރާގޭ އަލްމަރްހޫމް މުހައްމަދު ތައުފީގެވެ.

އަލްމަރްޙޫމް މުހައްމަދު ތައުފީގުގެ ހަނދާނަށް މި ޝަރަފު މި އަރުވަނީ، ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސިޔަރަތު ދިވެހިންނަށް ގެނެސްދެއްވާފައިވާލެއް ފުރިހަމަަކަމުންނެވެ. އަދި ސިޔަރަތު އަޑުއެހުމަށް އޮންނަ ޝައުގުވެރިކަން އިތުރުކުރެއްވުމަށް މުހައްމަދު ތައުފީގު ކުރެއްވި ގައުމީ ހިދުމަތަށްޓަކައިވެސް މެއެވެ.

‎މި އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވަނީ 10 ބޭފުޅަކަށެވެ. އަދި ކުންފުންޏަކަށެވެ. ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.