މާލޭގައި އަންހެނަކު ކަރުގައި ވަޅި ޖައްސާ ރަހީނުކުރި މައްސަލައިގައި އަހުމަދު އަތުހަރު ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ހުއްޓާ އޭނާ އަމިއްލައަށް ދަންޖެހިގެން މަރުވި މަންޒަރު ފެންނަ ސީސީޓީވީ ވީޑިއޯ ފުޓޭޖް ނޫސްވެރިންނަށް ރޭ ދައްކައިފިއެވެ.
ރޭ އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުން ލައިވްކޮށްފައި ނުވާ އިރު، މި ޕްރެސް ކޮންފަރެންސްގެ ވީޑިއޯއާއި ފޮޓޯ ވެސް ނެގުން އޮތީ މަނާކޮށްފައެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ، މި ޕްރެސް ބާއްވައި ނޫސްވެރިންނަށް އެ ސީސީޓީވީ ފުޓޭޖް ދައްކަން ނިންމީ، ފުލުހުން އަތުހަރު މަރާލީ ކަމަށް ބުނެ ފަތުރަމުންދާ ދޮގު ހަބަތަކާ ގުޅިގެން ކަމަށެވެ. އެގޮތުން އެ ބައްދަލުވުމުގައި ދެއްކި ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އަތުހަރު ވަނީ ސޯޓެއްގެ ނާޑުވާއެއް ބޭނުންކޮށްގެން އޭނާ ބަންދުކޮށްފައި ހުރި ގޮޅީގެ ކުޑަދޮރުގައި އައްސައިގެން ދަންޖެހެން މަސައްކަތް ކޮށްފައެވެ. އޭނާ ދަންޖެހުނުތާ 30 މިނެޓް ފަހުން އޮފިސަރުން ވަދެ އޭނާ ސަލަމާތް ކުރަން މަސައްކަތް ކޮށްފައި ވެއެވެ.
އޮފިސަރުން އެޓެންޑްވާން 30 މިނެޓް ހޭދަވާން ޖެހުނު ސަބަބާ ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން ބުނެފައި ވަނީ މި މައްސަލައިގެ އިތުރު މައުލޫމާތު ހިއްސާ ކުރެވޭނީ މައްސަލަ ތަހުގީގު ކުރުމަށް ފަހުގައި ކަމަށެވެ. އަދި މިހާރު އަތުހަރުގެ ހަށިގަނޑު އޮޓޮޕްސީއެއް ހަދަން ނިންމާފައިވާ އިރު، އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލު ކުރެވޭނީ އެ އޮޓޮޕްސީއަށް ފަހުގައި ކަމަށް ވެސް ބުނެފައި ވެއެވެ. މީގެ އިތުރުން އަތުހަރުގެ މަރުގެ މައްސަލައިގެ އިތުރު ތަފްސީލް ހިއްސާ ކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ޖަލުގައި ދަންޖެހެން މަސައްކަތް ކުރި އަތުހަރު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދީފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ. ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ ޖަލު ކެމެރާ މޮނިޓާ ކުރަމުން ދިޔަ ވަގުތު ޖަލުގެ ކެމެރާއިން ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައި ވަނީ އިއްޔެ ހަވީރު 4:08 ހާއިރުއެވެ.
އޭނާގެ މަރާ ގުޅިގެން ބައެއް މީހުން އަންނަނީ ފުލުހުންގެ ހިދުމަތަށް ތުހުމަތުތައް ކުރަމުންނެވެ.
އަތުހަރު ދަން ޖެހުނު މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ތަހުގީގު ކުރަމުންވެސް އެބަ ގެންދެއެވެ.