ހަމާސް ގެ އަތްދަށުގައި ތިބި އިޒްރޭލުގެ ރަހީނުންގެ ތެރެއިން 6 މީހަކު މަރުވެފައި އޮއްވާ އިއްޔެ ފެނުނު މައްސަލައިގައި ނަތަންޔާހޫގެ އިސްތިއުފާއަށާއި ސުލްހަ ގާއިމުކުރުމަށް ގޮވާލައި އެތައްހާސް ބަޔަކު މުޒާހަރާ ކުރަމުން އެބަދެއެވެ.

އިޒްރޭލުން ވެރިކަން ކުރާ ތެލްއަވީވްގެ ބޮޑު މައިދާން ރައްޔިތުން ނިކުމެ ފުރާލާފައި ވާ އިރު އެމީހުން ގޮވަމުން ދަނީ، ހަމާސް އާ އެކު ސުލްހަވެ ހަމާސްގެ އަތް ދަށުގައި ތިބި ހުރިހާ ރަހީނުން އަނބުރާ އިޒްރޭލަށް ގެނައުމަށެވެ. އަދި އެކަމުގައި މިހާރު އިތް އިޒްރޭލު ސަރުކާރު ފެއިލް ވެފައި ވާ ކަމަށާއި ބޮޑުވަޒީރަކަށް ހުރި ބެންޖަމިން ނަތަންޔާހޫ އިސްތިއުފާ ދޭން ޖެހޭ ކަމަށެވެ.

އިޒްރޭލު ސަރުކާރާ އިދިކޮޅު ފަރާތްތަކާއި ރަހީނުންގެ އާއިލާތަކުގެ އިތުރުން މި މުޒާހަރާގައި ލޭބާ ޔޫނިއަންތަކާއި އެންމެ ބޮޑު ޓްރޭޑް ޔޫނިއަނުން ބައިވެރިވެފައި ވާ އިރު އެ ޔޫނިއަންތަކުން ވަނީ އާންމު ވިޔަފާރިތައް ހުއްޓުވާލާފައެވެ.

އިޒްރޭލުން އޮކްޓޯބަރު 7، 2023 ގައި ހަނގުރާމަ ފެށިފަހުން މިހާތަނަށް ބާއްވާ އެންމެ ބޮޑު މުޒާހަރާ ކުރިއަށް ދާއިރު ބައިވެރިންގެ އަޑުން ގުގުމާލާފައި ވަނީ 'މިހާރު ހަމަ މިހާރު ސުލްހަ' މި ބަސްތަކާއި 'ބިބީ އެސްކޮބާ އިސްތިއުފާ' ފަދަ ޝިއާރުތަކުންނެވެ.

ވެރިރަށް ތެލްއަވީވްގެ ބޮޑު މައިދާނަށް ދެވޭ މަގުތައް ބްލޮކް ކުރުމުގެ އިތުރުން ހުޅަނގު އައްސޭރީގައި ހުންނަ ނަތަންޔާހޫގެ އޮފީސް ދޮރުމައްޗަށް ވެސް އާންމުން ވަނީ އެއްވެފައެވެ. އަދި އިޒްރޭލުގެ އެންމެ ބޮޑު ވައިގެ ބަނދަރުވެސް ހުއްޓުމަކަށް ގެނެސްފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.

މި މުޒާހަރާތައް މައިތިރި ކުރުމަށް އިޒްރޭލު ސިފައިން ކަރުނަ ގޭހާއި ފެން ޖަހަމުން ގެންދާ އިރު އާންމު ތަންތަނަށް އެއްވެ މުޒާހަރާ ކުރުން މަނާ ކުރުމަށް ކޯޓަށް ދިޔުމަށް އަންގާ އިޒްރޭލުގެ ފިނޭސް މިނިސްޓަރު ބެޒާލެލް ސްމޯރިޗް މިހާރު ވަނީ، އެތާނގެ އެޓާނީ ޖެނެރަލް އަށް ސިޓީއެއް ވެސް ފޮނުވާފައެވެ. އޭނާގެ ސިޓީގައި ބުނެފައި ވަނީ ހަމަ މިހާރުން މިހާރަށް މުޒާހަރާތައް ހުއްޓުވަން ޖެހޭ ކަމަށެވެ.

އިޒްރޭލުން ހަމާސް ނައްތާލުމުގެ ނަމުގައި ފަށާފައި ވާ ގަތުލުއާންމު މިހާރު ވަނީ ހުޅަނގު އައްސޭރިއަށް ފުޅާ ކޮށްފައެވެ. ބުލްޑޯޒާރުތަކާއި ބަރު އުޅަނދުތަކުގައި ހުޅަނގު އައްސޭރިއަށް ވަދެ މަގުތައް ކޮނެ ހަލާކު ކުރަމުން މައިގަނޑު 3 ސިޓީއެއްގެ ތެރެއަށް ވަދެގެންފައި ވާ އިރު، މީހުންގެ މުދަލާއި ތަކެތީގައި ރޯކޮށް، މީހުންގެ ގަޔަށް ބަޑިޖަހާ ޝަހީދު ކުރުމާއި މީހުން ހިފާ ހައްޔަރު ކުރުމުގެ ފުޅާ އޮޕަރޭޝަނެއް ކުރިއަށް އެބަގެންދެއެވެ.

ހަމާސް އާ ދެކޮޅަށް ކަމަށް ބުނެ ހިންގާ މި އޮޕަރޭޝަންގައި މިހާރު އިސްލާމިކް ޖިހާދަށް ނިސްބަތްވާ ފަރާތްތަކަށް ވެސް އިޒްރޭލުން އަންނަނީ ހަމަލާ ދެމުންނެވެ.

ގާޒާގައި އިޒްރޭލުން ހިންގާ އުދުވާނުގައި މިހާތަނަށް 40،738 މީހަކު ޝަހީދު ކޮށްލައި 94،154 މީހަކު ވަނީ ޒަހަމް ކޮށްލާފައެވެ.