ގިނަ އަހަރުތަކެއް ވަންދެން ހިންގަމުންދިޔަ އޭލެވެލް ސްކޫލް، ސެންޓަ ފޯ ހަޔާ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިމާރާތް އަލުން ހުޅުވާ މިއަދު ކިޔަވައިދޭން ފަށައިފި އެވެ.

ސީއެޗްއެސްއީ ހިންގަމުންދިޔަ އިމާރާތް ބޭނުން ކުރުން ހުއްޓާލާ ހުޅުމާލޭގައި އަލަށް ބިނާ ކުރި އިމާރާތަށް އެ ސްކޫލްގެ ކިޔެވުން ބަދަލު ކުރީ މިދިޔަ އޮގަސްޓު މަހުއެވެ.

ނަމަވެސް މާލޭގައި ސަރުކާރުގެ އޭލެވެލް ސުކޫލެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ދަރިވަރުންނާއި ބެލެނިވެރިން ފާޅުކުރާ ކަމަށް ބުނެ އެޑިއުކޭޝަނުން އަނެއްކާވެސް ނިންމީ ކުރީގެ އިމާރާތުގައި އޭލެވެލް ކިޔަވާދޭން ފެށުމަށެވެ.

އަދި މުސްތަގުބަލުގައި އޭލެވެލް ކިޔަވައިދިނުމަށް މުޅިން އާ އިމާރާތެއް މާލޭގައި ބިނާކުރާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މާލޭ ސީއެޗްއެސްއީ އިމާރާތަށް ދަރިވަރުން ވަންނަނީ / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސްކޫލު ވެގެންދާނީ މާލޭގައި ހުރި މަތީ ސާނަވީއަށް ކިޔަވައިދޭ އެންމެ ފެންވަރު ރަނގަޅު، ހިތްފަސޭހަ އަދި ދަރިވަރުންނަށް އުފާވެރި އުނގެނުމުގެ މާހައުލު ތަނަވަސްވެފައިވާ ސްކޫލަށް ކަމަށެވެ. އަދި މި ބަދަލާއެކު މާލެ އާއި ހުޅުމާލެ އާ ދެމެދު ދަތުރުކުރާ ދަރިވަރުންގެ އަދަދު މަދުވާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.

އެ ސްކޫލުގެ ޕްރިންސްޕަލަކަށް ހަމަޖައްސާފައި ވަނީ ދަރުމަވަންތަ ސްކޫލުގެ ޕްރިންސިޕަލްކަން 17 އަހަރު ކުރެއްވި އަބްދުﷲ ދީދީ އެވެ.