މިދިޔަ ބުރާސްފަތި ދުވަހުގެރޭ އަންހެނަކު ރަހީނުކުރި އާދަމް އަތުހަރަށް ލިބެން އޮތް ބޮޑު އަނިޔާއަކުން ސަލާމަތްވީ ފުލުހަކު ޒަހަމްވެގެން ކަމަށް، ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްކަންދަރު ކޮށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، އަތުހަރު ވެއްޓުނު ވަގުތު އޭނާގެ އަތުގައި އޮތް ތޫނު ހަތިޔާރުން އެހެން މީހުން ސަލާމަތް ކުރުމުގެ ތެރޭގައި ފުލުހެއްގެ އަތުގެ އިނގިލިތަކަކަށް އަނިޔާވެފައިވާ ކަމަށާއި، އަތުހަރަށް ލިބިދާނެ ބޮޑު ޒަހަމަކުން ސަލާމަތްވި ސަބަބަކީ އެއީ ކަމަށެވެ.

"ފުލުހުންނަކީ އެ މީހުން ކުރާ މަސައްކަތުގައި ރިސްކް އޮތް ބައެއް، އެކަން ފުލުހުންނާއި ފުލުހުންގެ އާއިލާތައް ގަބޫލުކުރޭ، ކޮންމެ ދުވަހަކު ވެސް ކޮންމެ ފުލުހަކު ވެސް ބަލަނީ އެ މީހުންގެ ފަރާތުން ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް،" އޭނާ ވިދާޅުވިއެވެ.

ފުލުހުން ކުރާ މަސައްކަތަށޤ އާންމުންގެ ތައުރީފާއި ފާޑުކިއުން އޮންނަ ކަން ގަބޫލުކުރައްވާ ކަން ފާހަގަ ކުރައްވައި، ޝުޖާއު ވިދާޅުވީ މިއީ ޓެކްނޮލޮޖީގެ ޒަމާން ކަމުން، މަގުމަތީގައި ތިބޭ ފުލުހުންގެ މަންޒަރުތައް ފޮޓޯ އަދި ވީޑިއޯ ނަގާނެކަން ފުލުހުންނަށް އެނގޭ ކަމަށާއި، ފުލުހުންގެ ތަމްރީނުތައް ބައްޓަން ކުރަނީ މިފަދަ މަންޒަރުތަކުގައި ޕްރޮފެޝަނަލް ބަޔަކަށް ހެދޭތޯ ކަމަށެވެ.

ބުރާސްފަތި ދުވަހުގެރޭ އަންހެނަކު ރަހީނުކުރި މައްސަލައިގައި އަތުހަރު ފުރަތަމަ މަސައްކަތް ކުރީ އަންހެން މީހާ ގޮވައިގެން ފިލުމަށެވެ. އެގޮތުން އެ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ގެންގޮސް ސައިކަލަކަށް އެރުމަށްފަހު ސައިކަލު ދުއްވަން އަންހެން މީހާއަށް މަޖުބޫރު ކުރިއެވެ. އެކަމަކު ފުލުހުން ވަނީ އަތުހަރުގެ ބޮލުގައި މުގުރުބުރިއަކުން ޖަހައި މަގުމައްޗަށް ވައްޓާލައިފައެވެ.

އޭނާ އަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށް ފަހު އިއްޔެ ދޫކޮށްލުމާއެކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.